ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ބީއެމްއެެލްގެ އޭޓީއެމް މެޝިންތައް ބަހައްޓާފައި ހުންނަ އިމާރާތް
ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ބީއެމްއެެލްގެ އޭޓީއެމް މެޝިންތައް ބަހައްޓާފައި ހުންނަ އިމާރާތް
ބޭންކަށް ކޮންމެހެން ވަޑައިގަންނަވަން ނުޖެހޭ ފަރާތްތަކުން އިންޓަރނެޓް ބޭންކިންގ އާއި އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް ބީއެމްއެލް އިން އިލްތިމާސް ކޮށްފިއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ހަފުތާގެ ހޯމަ، އަންގާރަ އަދި ބްރާސްފަތިދުވަހު ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30 އަށް ބޭންކްގެ ބާޒާރު ބްރާންޗު ފިޔަވައި ބީއެމްއެލްގެ އެހެން ހުރިހާ ބްރާންޗުތަކާއި، ބިޒްނަސް ސެންޓަރތަކާއި ލޯން ސެންޓަރ އަދި ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވާނެ ކަމަށެވެ. އެހެން ނަމަވެސް ބޭންކުގެ އިލްތިމާސަކީ ކޮންމެހެން ބްރާންޗަށް ވަޑައިގެން ހޯއްދަވަންޖެހޭ ޚިދުމަތްތައް ފިޔަވައި އެހެން ޚިދުމަތްތައް ހޯއްދެވުމަށް އިންޓަރނެޓް ބޭންކިންގ އާއި އޭޓީއެމް ގެ ބޭނުންކުރެއްވުމެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އޭޓީއެމް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ ޚިދުމަތްތައް ހޯއްދެވުމަށް ބްރާންޗަށް ކަސްޓަމަރުން ވަޑައިގަންނަވާކަން. މި ގޮތަށް ގިނަ ކަސްޓަމަރުން ބްރާންޗަށް ވަޑައިގެންނެވުމުން ބްރާންޗުގެ ކިޔު ދިގުވެ، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ވަގުތުވެސް ނަގާނެ. ބީއެމްއެލް އިން މިވަނީ ފަސޭހައިން ބޭންކިންގ ޚިދުމަތް ހޯދޭނެ ގިނަ ވަސީލަތްތައް ގާއިމްކޮށްފަ. މި ގޮތުން އިންޓަރނެޓް ބޭންކިންގ އަދި ސެލްފް ސަރވިސް އޭޓީއެމް ބޭނުންކޮށްގެން ވަރަށް ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ހޯއްދެވޭނެ. އަޅުގަނޑުމެންގެ އިލްތިމާސަކީ ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަން ނުޖެހޭ ކަސްޓަމަރުން ބްރާންޗަށް ވަޑައިނުގެންނެވުން." ސަޢީދު ވިދާޅުވިއެވެ.

މިގޮތުން ބީއެމްއެލްގެ އޭޓީއެމްތަކުން 24 ގަޑި އިރުގެ ޚިދުމަތް ލިބޭއިރު، މި ޚިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހަ އަދި ބޭނުންވާ ކޮންމެ ވަގުތަކު ހޯދުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ގޭގައި ތިއްބަވައިގެން ބިލަށް ފައިސާ ދެއްކެވުމަށާއި، އެކި އެކައުންޓްތަކަށް ފައިސާ ފޮނުއްވުމާއި ކާޑާއި ލުއިލޯނަށް އެދިވަޑައިގެންނެވުމުގެ ޚިދުމަތް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ މެދުވެރިކޮށް ބީއެމްއެލުން ދަނީ ދެމުންނެވެ. އަދި އޯޑަރކުރައްވާ އެކި ބާވަތުގެ ތަކެއްޗަށް ފައިސާ ދެއްކެވުމަށް މޮބައިލް ޕޭގެ ހިދުމަތުން ވަރަށް ފަސޭހަކާއެކު ފައިސާ ދެއްކޭ ގޮތަށް ބޭންކުން ދަނީ އެޚިދުމަތް ވެސް ދެމުންނެވެ.

ކޯވިޑް-19 ގެ ސަބަބުން އިޖްތިމާޢީ ގައިދުރުކަމަށް ބޭންކްގެ ހުރިހާ ކަސްޓަމަރުންވެސް ސަމާލުކަން ދެއްވުމަށާއި، ބޭންކްގެ ކިއޫ އާއި ޚިދުމަތުގެ ވަގުތު ދިގު ނުވާނެ ގޮތަށް ޢަމަލުކޮށްދެއްވުމަށް ބީއެމްއެލުން އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން