ޤާނޫނީ ވަކީލް މަހްފޫޒް ސަޢީދު މިއަދުގެ އަޑުއެހުމުގައި
ޤާނޫނީ ވަކީލް މަހްފޫޒް ސަޢީދު މިއަދުގެ އަޑުއެހުމުގައި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރުގެ މެންބަރުންނަށް ނުހިނގާ ގޮތަށް ހަދައިދިނުމަށް މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އަލީ ހުސައިންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.

މިއަދުގެ އަޑުއެހުމުގައި ޢަލީ ޙުސައިންގެ ޤާނޫނީ ވަކީލް މަޙްފޫޡް ސަޢީދު ވިދާޅުވީ ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާ އާ ފުށުއަރާ ގޮތަށް ކަމަށެވެ. އޭގެއިތުރުން އެ އިސްލާޙަކީ ރިޔާސީ ނިޒާމްގެ އަސާސްތައް ގަޑުބަޑުވާ ގޮތަށް ގެނެސްފައިވާ އިސްލާޙެއް ކަމަށް މަޙްފޫޡް ވިދާޅުވިއެވެ.

ހަމައެއާއެކު މި އިސްލާޙަކީ މެމްބަރުން އިންތިހާބަށް ކުރިމަތިލިއިރު ތަސައްވުރު ކުރެވިފައިވާ އިސްލާހެއް ނޫން ކަމަށެވެ. އަދި ރައްޔިތުން މަޖިލިހަށް މެމްބަރުން ހޮވާފައި ވަނީ ފަސް އަހަރު ދުވަހަށް ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

“އިސްލާހު މިހާރު ދިރިދިރި އެބައޮތް. އޮތްއިރުގައި މި އިސްލާހު އެއްގޮތަކަށް ވެސް ހިނގައިގެން ނުވާނެ ކަމަށް އިއްޒަތްތެރި ފަނޑިޔާރުން ކަނޑައަޅައިދެއްވުން. މިގޮތަށް ދިރިދިރި އޮންނަ މުއްދަތުގައި ވެސް ރައްޔިތުންގެ މަޖިލިހުގައި މިހާރު އިންތިހާބުވެފައި ތިބި މެމްބަރުންގެ މައްޗަށް މި އުސޫލު ހިނގައިގެން ނުވާނެ ކަމަށް.” މަޙްފޫޡް ވިދާޅުވިއެވެ.

އެހެން ކަމުން މަޙްފޫޡް މިއަދު އެދިވަޑައިގެންނެވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލު ކޮށްދިނުމަށެވެ. އަދި އެ އިސްލާހު ދެމިއޮންނަ މުއްދަތުގައި 20 ވަނަ މަޖިލިހުގެ މެމްބަރުންގެ މައްޗަށް އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ގޮތަށް ކަނޑައަޅައިދިނުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ ނޮވެންބަރު 20 ގަ އެވެ. އެ މައްސަަލަ ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެ ދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުވެސް ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓްގެ މުޅި ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަފަނޑިޔާރު ޑރ. މުޢުތަސިމް ޢަދުނާނެވެ. ބެންޗުގައި ދެން ތިއްބަވަނީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރާއި، ފަނޑިޔާރު ޙުސްނުއްސުއްސުޢޫދު އާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން