މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗް
މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗް
މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ ނޮވެންބަރު 20 ގައެވެ. އެ މައްސަަލަ ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުވެސް ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރުގެ މެންބަރުންނަށް ނުހިނގާ ގޮތަށް ހަދައިދިނުމަށާއި އެ އިސްލާޙް ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ޤާނޫނީ ވަކީލް ޢަލީ ޙުސައިން ހުށައެޅުއްވި މައްސަލަ އަކީ އެކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ދަޢުލަތުގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގައި ވިދާޅުވެއެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފުލްބެންޗުން މިއަދު ނިންމަވާފައިވަނީ މައްސަލަ ކުރިއަށް ގެންދިއުމަށާއި ދަޢުލަތުން ފާހަގަ ކުރަށްވާ ނުކުތާއާމެދު ވަކި ގޮތެއް ކަނޑައަޅާނީ މުޅި މައްސަލައިގެ ނިންމުމުގައި ކަމަށެވެ.

“މަޝްވަރާއަށްފަހު ފަނޑިޔާރުން ނިންމަވާފައިވަނީ މައްސަލަ ކުރިޔަށް ގެންދިއުމަށް. އަދި މި މައްސަލާގައި ހުށައެޅުނު އިޖުރާއީ އިއުތިރާޒާމެދު ފަނޑިޔާރުން ދެކެވަޑައި ގަންނަވާ ގޮތް މައްސަލަ ނިންމުމުގައި ހިމެނުމަށް.” އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާން މިއަދު ވިދާޅުވިއެވެ.

އަދި މި މައްސަަލައަށް ޖަވާބުދާރީވުމަށް ދައުލަތަށް ފަނޑިޔާރުންގެ ބެންޗުން ވަނީ 10 ދުވަސް ދީފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓްގެ މުޅި ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަފަނޑިޔާރު ޑރ. މުޢުތަސިމް ޢަދުނާނެވެ. ބެންޗުގައި ދެން ތިއްބަވަނީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރާއި، ފަނޑިޔާރު ޙުސްނުއްސުއްސުޢޫދު އާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން