ޒަކިއްޔާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ތަޙުޤީޤުކުރަން ފަށާފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެޗްއާރްސީއެމުން ބުނީ ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ އެ އިދާރާއިން ތަޙުޤީޤުކުރަން ފަށާފައިވާ ކަމަށެވެ. އަދި ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން މި މައްސަލައިގެ ތަޙުޤީޤު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް އެ ކޮމިޝަނާއި ހިއްސާކޮށްފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް އެޗްއާރްސީއެމުން މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުނީ މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައި، ލިބިފައިވާ މައުލޫމާތުތައް ދިރާސާކުރަމުންދާކަމަށެވެ.

ނ. ހޮޅުދޫއަށް ނިސްބަތްވާ، އެރަށު ނިއުލައިފް، ޒަކިއްޔާ މޫސާ މަނިކު (50އ) ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގިނަ ސުވާލުތަކެއް އުފެދޭ މި މަރުގެ މައްސަލައިގައި ފުލުހުން މީގެ ކުރިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި ވެއްޓިފައި އޮއްވައެވެ. އަދި އޭނާގެ ކަރުގައި ޒަޚަމްތަކެއް ފެންނަން ހުރިކަމަށާއި، އޭނާ އޮތް ދިމާލުގައި ވަޅިއެއްވެސް އޮތްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަޙުޤީޤަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާއި، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާކަމަށްވެސް މީގެކުރިން ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން