ރާއްޖޭގެ ބްރޭންޑު "އެވޯން" ގެ ޕްރޮޑަކްޓުތައް، އިންފްލުއެންސަރުން ޕްރޮމޯޓު ކޮށްދިނުން، ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖޭގެ ބްރޭންޑު "އެވޯން" ގެ ޕްރޮޑަކްޓުތައް، އިންފްލުއެންސަރުން ޕްރޮމޯޓު ކޮށްދިނުން، ފޮޓޯ: ސޯޝަލް މީޑިއާ
މިއަދުގެ ޑިޖިޓަލް ޒަމާނުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންފްލުއެންސަރ މާކެޓިން އަކީ އާންމު ކަމަކަށް ވެފައިވީ ނަމަވެސް، ދިވެހިރާއްޖެއަށް މިއީ ވަރަށް އާ ކަމެކެވެ. އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދަތަކުގެ ސަބަބުން މިކަން މި މުޖްތަމައަށް ތައާރަފްވެފައިވަނީ ވަރަށް ފަހުންނެވެ. ނަމަވެސް މިހާރު ރާއްޖޭގެ ބްރޭންޑުތަކުން ދަނީ އެމީހުންގެ ބްރޭންޑުތައް ކުރިއެރުވުމަށް އިންފްލުއެންސާ މާކެޓިން މަދުން ނަމަވެސް ހިޔާރު ކުރަމުންނެވެ.

މިފަހަކަށް އައިސް ރާއްޖޭހެ ސޯޝަލް މީޑިއާގައި ބަހުސް ކުރެވޭ އެންމެ ބޮޑު އެއް މައުޟޫއަކީ ވެސް މިއީއެވެ. އިންފްލުއެންސަރަކަށް ނުވާތީ އެއްޗެހިތަކެއް ނުލިބިގެން ސޯޝަލް މީޑިއާގައި ޝަކުވާ ކުރާ މީހުން ވަރަށް ގިނައެވެ. އިންފްލުއެންސަރުންނަށް އަގުބޮޑެތި ހަދިޔާތައް ލިބޭތީ އެކަމާ ޝަކުވާ ކުރާ މީހުންވެސް މަދެއް ނޫނެވެ. މިފަދަ ޝަކުވާތައް ގިނަވަނީ މިއީ ދިވެހިންނަށް އާ ކަމަކަަށް ވުމުން ކަން ހަމަ ޔަގީނެވެ. އެހެންވެ މިކަމަށް ދިވެހިން ހޭނެންވެސް ވަގުތު ނަގާނެއެވެ.

ނަމަވެސް އިންފްލުއެންސާ މާކެޓިން އަކީ ކޮބައިކަމާމެދު އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ. މިއީ ސޯޝަލް މީޑިއާގައި ގިނަ ފޮލޯވަރުން ތިބޭ މީހުން މެދުވެރިކޮށް ބްރޭންޑުތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ވިޔަފާރި އުކުޅެކެވެ. އެގޮތުން އިންފްލުއެންސަރުން އެމީހުންގެ ފޮލޯވަރުންނަށް ވަކި ބްރޭންޑެއްގެ އުފެއްދުމެއް ނުވަތަ ހިދުމަތެއް ތައާރަފްކޮށް އޭގެ ރަނގަޅު ކަންތައްތައް ފާހަގަކޮށް، އެ ގަތުމަށް ހިތްވަރުދެއެވެ.

މިކަން މިހާރު ރާއްޖޭގައި އާންމުވަމުން އަންނައިރު، ގިނަ ދިވެހީން މިކަމާމެދު ދެކެނީ ވަރަށްވެސް ނެގެޓިވް ގޮތަކަށެވެ. ބައެއް މީހުން ދެކޭގޮތުގައި މިއީ އޮޅުވާލުމުގެ ވިޔަފާރިއެކެވެ. އަނެއްބައި މީހުން ދެކޭގޮތުގައި މިއީ ފައިސާ ހޯދުމަށް ކުރާ ނުރަނގަޅު ކަމެކެވެ. އަދި ބައެއް މީހުން ދެކޭ ގޮތުގައި ބްރޭންޑުތަކުން އެމީހުންގެ ޕްރޮޑަކްޓުތައް އިންފްލުއެންސަރުންނަށް ހިލޭ ދޭއިރު، އާންމު ރައްޔިތުން އެ ޕްރޮޑަކްޓުތައް ބޮޑު އަގު ދީފައި ގަނެގެން ބޭނުން ކުރަން ޖެހުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.

ދިވެހިންގެ މިފަދަ ހިޔާލުތައް ސޯޝަލް މީޑިއާގައި މިހާރު ފާޅުކުރުން ވަރަށް އާންމު ވެއްޖެއެެވެ. ރާއްޖޭގެ ބައެއް ބްރޭންޑުތަކުން އިންފްލުއެންސަރުންނަށް އެމީހުންގެ ޕްރޮޑަކްޓުތައް ހަދިޔާ ކުރުމުން މިކަމާ ނުރުހުންވެ، ސޯޝަލް މީޑިއާގައި ތަފާތު އެކި މޭރުމުން ވާހަކަ ދައްކާ މީހުން ވަނީ އިތުރުވެފައެވެ. މި ހިޔާލުފާޅުކުރުންތަކުގެ ސަބަބުން، ސޯޝަލް މީޑިއާގައި ދިވެހި އިންފްލުއެންސަރުންނަށް އަމާޒުކޮށް ފުރައްސާރަ ކުރުން ވެސް ވަނީ އާންމުވެފައެވެ. ބައެއްފަހަރު މި ފުރައްސާރަތައް ހައްދުފަހަނައަޅައިގޮސް، އަބުރާބެހުމުގެ ދަރަޖައަށް ވެސް ދެއެވެ.

މިއީ އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ. ސޯޝަލް މީޑިއާގައި މި މޭރުމުން އިންފްލުއެންސަރުންނަށް ފުރައްސާރަކުރުމަކީ ހަމަ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ކަމެއް ކުރުމުގެ މިނިވަންކަން އޮންނާނެއެވެ. އިންފްލުއެންސަރުންވެސް ބްރޭންޑުތަކާއެކު މަސައްކަތް ކޮށް، އެ ބްރޭންޑެއް ފުޅާ ކުރުމަށްޓަކައި މަސައްކަތް ކުރުމުގެ އިހްތިޔާރާއި މިނިވަންކަން އޮންނާނެއެެވެ. އިންފްލުއެންސަރުން އެކުރާ މަސައްކަތަކީވެސް ފަސޭހަ ކަމެއް ނޫނެވެ. އެއީ ވަރަށްވެސް ބުރަ މަސައްކަތްތަކެކެވެ. މިކަމާމެދު ވިސްނާލުމަކީ މުހިންމު ކަމެކެވެ.

އިންފްލުއެންސާ މާކެޓިންގ ތެރެއިން ބްރޭންޑުތަކަށް ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބެއެވެ. އަދި އިންފްލުއެންސަރުންގެ ފޮލޯވަރުންނަކީ އެމީހުންގެ ބަހަށް އިތުބާރުކުރާ ބައެއް ކަމުން، ބްރޭންޑުތަކަށް އާ ކަސްޓަމަރުން ލިބުމުގެ މަގުފަހިވެއެވެ. މީގެ އިތުރުން، އިންފްލުއެންސަރުން މެދުވެރިކޮށް ބްރޭންޑުތަކަށް އެމީހުންގެ އަމާޒު ގްރޫޕްތަކާ ހަމައަށްވެސް ފަސޭހައިން ވާސިލް ވެވެއެވެ.

އިންފްލުއެންސާ މާކެޓިން އަކީ ހަމައެކަނި ވިޔަފާރިތަކަށް ފައިދާވާ ކަމެއް ނޫނެވެ. މިއީ ޒުވާނުންނަށް އާމްދަނީ ހޯދުމުގެ އައު ފުރުސަތުތަކެއްވެސް ހުޅުވިގެންދާ ދޮރެކެވެ. ގިނަ ޒުވާނުން މިހާރުވެސް ވަނީ މި ދާއިރާއިން ކުރިއަރައި، އެމީހުންގެ ހުނަރާއި ގާބިލުކަން ދައްކުވައިދީފައެވެ. މިކަމުގެ ސަބަބުން، ޒުވާނުންގެ ވަޒީފާގެ ދާއިރާ ފުޅާވެ، އިޤްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެކަން ޔަގީނެވެ.

ކަން މިހެން އޮތް ނަމަވެސް މި ދާއިރާ އަދިވެސް ވަނީ ކުރިއަރަމުންދާ މަރުހަލާގައެވެ. އެހެންވުމުން ދިވެހި މުޖުތަމައުގައި މިކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އިންފްލުއެންސާ މާކެޓިންގ އަކީ ކޮބައިކަމާއި، އޭގެ ފައިދާތަކާއި ގެއްލުންތައް ރަނގަޅަށް އޮޅުންފިލުވައިދިނުމަކީ މިވަގުތު ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ. މިގޮތުން، ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކުން މިކަމާ ގުޅޭ މައުލޫމާތުތައް ފެތުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.

ހަމައެހެންމެ އިންފްލުއެންސަރުންވެސް އެމީހުންގެ ޒިންމާ އަދާކުރުމުގައި ސަމާލުވާންޖެހެއެވެ. އެމީހުން ޕްރޮމޯޓްކުރާ އުފެއްދުންތަކާއި ހިދުމަތްތަކަކީ ރަނގަޅު، އިތުބާރުހުރި އެއްޗެހިކަން ކަށަވަރުކުރަންވާނެއެވެ. އަދި އެމީހުންގެ ފޮލޯވަރުންނަށް އޮޅުވާލައިގެން ނުވަތަ މަކަރުވެރި ގޮތްތަކުން ފައިސާ ހޯދުމަށް މަސައްކަތް ނުކުރުމަކީވެސް މުހިންމު ކަމެކެވެ.

އިންފްލުއެންސާ މާކެޓިން އަކީ މިހާރު ރާއްޖޭގައި ތަރައްގީވަމުން އަންނަ ދާއިރާއަކަށްވީއިރު، މިކަމަށްޓަކައި ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އިންފްލުއެންސަރުންނާއި ބްރޭންޑުތަކުގެ ހައްގުތައް ރައްކާތެރިކޮށް، އާންމު ރައްޔިތުންގެ މަސްލަޙަތު ހިމާޔަތްކުރެވޭނެ ގޮތަކަށް ޤާނޫނުތައް އެކުލަވާލަންޖެހެއެވެ. މިހެން ވެއްޖެނަމަ، އޮޅުވާލުމާއި މަކަރުވެރި އަމަލުތަކުން ރައްކާތެރިވެ، ހަރުދަނާ ވިޔަފާރި މާހައުލެއް ގާއިމުކުރެވިގެންދާނެއެވެ.

މިއީ ރާއްޖެއަށް އައު ކަމެކެވެ. މި ދާއިރާއާ މެދު ހުރި ނޭދެވޭ ވިސްނުންތައް ބަދަލުކޮށް، މުޖުތަމައުގެ ހުރިހާ ފަރާތްތަކުން މިކަން ހުޅުވިގެން ދިއުމަކީ މުހިންމު ކަމެކެވެ. އެހެންނަމަވެސް، މިކަން ކުރިއަރުވަމުން ދާއިރު، އިސްލާމީ އަހްލާގާއި ދިވެހި އާދަކާދަތައް ހިފަހައްޓައި، ރަނގަޅު އުސޫލުތަކެއްގެ މަތިން ކުރިއަށް ދިއުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިގޮތަށް ކަންކަން ބައްޓަން ކުރެވިއްޖެނަމަ، އިންފްލުއެންސާ މާކެޓިން އިން ދިވެހިންނަށް ވެސް ފައިދާ ކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން