ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޖަމްޢިއްޔަތުއްސަލަފާ ގުޅިގެން ރޯދަ މަހުގައި ހުޅުމާލެ ހޮސްޕިޓަލަށް ރޯދަވީއްލާ ޕެކް ފޯރުކޮށްދޭން ނިންމައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް ރޯދަވީއްލާ ޕެކް ފޯރުކޮށްދިނުމަށް އެޗްޑީސީއާއި ސަލަފު ޖަމިއްޔާއާދެމެދު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ރޯދަ މަހުގައި ފޯރުކޮށްދޭ ރޯދަވީއްލާ ޕެކްތައް ތައްޔާރުކުރުމަށް އެޗްޑީސީން ވަނީ ސަލަފު ޖަމިއްޔާއަށް ބޭނުންވާ ވަރކިންގ ސްޕޭސް ހަމަޖައްސައިދީފައެވެ.

ރޯދަ މަހުގެ ކޮންމެ ދުވަހެއްގައި ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ހޮސްޕިޓުލުގައި ފަރުވާހޯދަމުންދާ ބަލި މީހުންނަށް އެ ޕްރޮގުރާމުގެ ދަށުން ރޯދަވީއްލާ ޕެކް ފޯރުކޮށްދޭނެއެވެ.

"މިފަދަ ތަނެއް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ މިމަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް! ހިލޭ ސާބަހަށް ކުރާ މިފަދަ ކަންކަމަށްވެސް ބޮޑު ކުލީގައި ތަނެއްހިފައިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ދަތިކަމެއް! ނަމަވެސް މިއަހަރު މިފަދައިން އެޗްޑީސީން ހަމަޖައްސަވައި ދެއްވިކަމީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމެއް." މި ޕްރޮގްރާމްގެ ކޯޑިނޭޓަރ، މުހައްމަދު ޝުޖާއު ވިދާޅުވިއެވެ.

މިއީ ބަރަކާތްތެރި ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި، އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށް، ވަރުބަލިކަމެއްނެތި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ، ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށްއޮތްތަނުގައިވެސް މިފަދަ މުޖްތަމައުއަށް ފައިދާހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާއެކު ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން