ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ބޭހެއް އެސްޓީއޯއަކަށް ނުގެނެވޭނެކަމަށް އެ ކުންފުނީގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ބޭސް މި ސަރުކާރަށް ގަވާއިދުން ފޯރުކޮށްދެވެމުން ނުދާކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވަނީ ސިޔާސަތުގެ ސަބަބުންކަން ވެސް މިހާރު ހާމަވެފައިވާކަމަށާއި އެންމެ ކުންފުންޏަކުން ދިވެހި ހުރިހާ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ބޭހެއް ނުގެނެވޭނެކަމަށް އަމްރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ކުންފުންޏަކަށް އެކަން ނުވާއިރު ދެން އެ ދާއިރާގައި އޮތް ކުންފުނިތަކަށް ވެސް އެކަން ކުރެވޭނެ މަގު ސަރުކާރުން ފަހިކޮށްދޭން ޖެހޭކަމަށެވެ. އެގޮތުން، ބައެއް ބޭސް ފިހާރަތަކަށް އާސަންދައިން މިލިއަނުގެ އަދަދުތަކުން ފައިސާ ނުދައްކާ ހުންނަކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެ ކުންފުނިތައް ބޭސް ގަތުމަށް ދެން ޖެހެނީ ލޯނު ނަގަންކަމަށް ވެސް އަމުރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ބޭހުގެ މައްސަލާގައި ސަރުކާރުން ގޯސްކޮށް ކުރި އެއްކަމަކީ ބައެއް ބޭހުގެ އަގުތައް ރަނގަޅަށް ބެލުމެއް ނެތި އާސަންދައިގެ ތެރެއިން ކުޑަކޮށްލުން ކަމަށެވެ. އޭގެ ސަބަބުން އަމިއްލަ ބޭސްފިހާރަތަކަށް އެކަމުގެ ދަތިކަން ކުރިމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު އިތުރަށް ވިދާޅުވީ، ރިޔާސީ ބަޔާނުގައި ރައީސް ވަނީ ބޭހުގެ ކަންކަން ހައްލު ކުރައްވާނެކަމަށް ވިދާޅުވެފައި ކަމަށާއި، ނަމަވެސް އެކަމަކީ ލަސްކޮށްގެން ވާންއޮތް ކަމެއް ނޫންކަމަށެވެ. އެހެންކަމުން އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭކަން ކަށަވަރުކުރުން އަވަސްކުރުމަށް އަމްރުވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން