ދުނިޔޭގެ ވައިލްޑްލައިފް ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ފޮޓޯ މައުރަޒެއް ބާއްވަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މުބާރާތް ބާއްވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މި މުބާރާތުގައި ވައިލްޑްލައިފް، އޭރިއަލް ޑްރޯން އަދި ދިރޭތަކެތީގެ ހެބިޓެޓް ކެޓަގަރީން ފޮޓޯތައް ބައިވެރިކުރެވޭނެއެވެ.

މިއަހަރުގެ ދުނިޔޭގެ ވައިލްޑްލައިފް ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މި މުބާރާތުގައި ހޮވާލެވޭ އެންމެ މޮޅު ދިހަ ފޮޓޯ، އާޓް އެގްޒިބިޝަނެއްގެ ގޮތުގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. ފޮޓޯތައް ވަޒަންކުރާނީ ހާއްސަ ފަނޑިޔާރުންގެ ކޮމިޓީއަކުންނެވެ. އެންމެ މޮޅު ފޮޓޯ ހޮވުމުގައި ބަލާނީ ފޮޓޯގެ ކޮލިޓީއާއި އޭގައި ހިމެނިފައިވާ ވާހަކައަށެވެ.

މުބާރާތަށް ހުށައަޅާ ފޮޓޯތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހެވެ. މުބާރާތުގެ ޤަވާއިދާއި، މާކްސް ދެވޭނެ ގޮތް އަދި ފޮޓޯ ހުށަހަޅަންޖެހޭ ގޮތުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ.

ވައިލްޑްލައިފް ދުވަހުގެ މަޤްސަދަކީ އެކި ބާވަތުގެ ދިރޭތަކެއްޗާއި ގަސްގަހާގެހި ރައްކާތެރިކޮށް، އާލާކޮށް، އެތަކެތީގެ ދިރުން ދެމެހެއްޓުމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ރާއްޖޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. ހުށަހަޅާ ފޮޓޯތަކަކީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ނަގާފައިވާ، ކުރިން އެއްވެސް މުބާރާތަކަށް ހުށަހަޅާފައިނުވާ ފޮޓޯތަކަށް ވާންޖެހޭނެއެވެ.

މިނިސްޓްރީން ބުނީ މި މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމުގެ އިތުރުން، އެ ފަރާތްތަކުގެ މަސައްކަތް ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމަށެވެ. އަދި މުބާރާތުގައި ހޮވޭ ފޮޓޯތައް ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގައި ބޭނުންކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު