ލޯކަލް ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި އައްޑޫ ސިޓީ ފޭދޫގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

މި ސިޓީ ހޮޓާ ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ދިގިހެރަ ޓޫރިޒަމް ޒޯން (އެސް 4)ގައެވެ. މި ސަރަހައްދު އޮންނަނީ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓާ 2 ކިލޯމީޓަރެއްހައި ކައިރީގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިމެނެނީ ފޭދޫގެ ހުޅަނގު ފަރާތުން އަލަށް ހިއްކާފައިވާ ބިމުގައި، ސަވާހިއްޔާ ދިމާގައިކަމަށެވެ. މީގެ އިތުރުން މި 3.2 ހެކްޓަރުގެ ގޮނޑުދޮށާ ގުޅިފައިވާ ބިން ކަނޑައެޅިފައިވަނީ ގެސްޓްހައުސްތަކާއި، ހޮޓާތަށް ތަރައްޤީކުރުމަށްކަމަށްވެސް ކައުންސިލުން ބުންޏެވެ.



ފޭދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 45 ކޮޓަރީގެ ސިޓީ ހޮޓަލެއްކަމަށާއި މި ހޮޓާ ތަރައްޤީކުރުމަށް ހުޅުވާލާ ބިމުގެ ބޮޑު މިނަކީ، 16ހާސް އަކަފޫޓުކަމަށާއި އަދި މި ބިން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 50 (ފަންސާސް) އަހަރުގެ މުއްދަތަށްކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.

ކައުންސިލުން ބުނީ، މި ހޮޓާ ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯދުމަށާއި، ބީލަން ފޮތް ބެލުމަށާއި އަދި އެ ފޮތް ގަތުމަށް މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް، ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާ ދެމެދު، އެ އިންތިޒާމު ކައުންސިލު އޮފީހުން ހަމަޖެހިފައިވާނެ ކަމަށެވެ.

ފަތުރުވެރިކަމަށް ދޫކުރާ މި ސަރަހައްދު ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަޤްޞަދަކީ، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ކައުންސިލުން ބުންޏެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް އައްޑޫ ސިޓީގެ އިޤްތިޞާދު ކުރިއެރުވުމަކީވެސް މި މަޝްރޫޢުގެ ބޭނުމެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން