ރާއްޖޭގެ ކުރީގެ ރައީސުންގެ ޙަޤީޤީ ސިފަ ހާމަވާނީ އެ ބޭފުޅުންގެ ވެރިކަމުގެ ދައުރުގައި ހިންގާފައިވާ ޢަމަލުތަކަށް ފުންކޮށް ބަލައިލުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ޑިމޮކްރަސީ ޤާއިމުވެ، ވެރިކަމުގެ ފަސް އަހަރުގެ ދައުރު ފުރިހަމަކޮށްފައިވާ ކުރީގެ ބައެއް ރައީސުން މިހާރު ދައްކަވަމުންދާ ވާހަކަފުޅުތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ، ހަރުދަނާކަމެއް ނެތް ވާހަކަފުޅުތަކެއް ކަމަށެވެ. އެގޮތުން ޖަގަހަތަކުގައާއި ސިޔާސީ ޕޯޑިޔަމް ތަކުގައި އެބޭފުޅުން ދައްކަވަމުންދާ ހަޑިމުޑުދާރު ދެކޮޅުނުޖެހޭ ވާހަކަތައް ދައްކަވަމުން ގެންދަވާއިރު އެވާހަކަތައް އަޑުއަހަމުންދާ ދިވެހިރައްޔިތުންނަކީ މޮޔައިންކަމަށް ދެކެނީތޯ މެމްބަރު އިސްމާޢިލް ސުވާލުކުރެއްވިއެވެ. އަދި އެބޭފުޅުން މިއަދު ދައްކަވާ ވާހަކަފުޅުތަކަކީ ދިވެހި ރައްޔިތުންގެ ވިސްނުމަށް ފެތޭ ބާވަތުގެ ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު އިސްމާޢިލް ވަނީ ކުރީގެ ވެރިން ބާރުވެރިކަން އޮތް ދުވަސްވަރު، ދިވެހިރާއްޖޭގެ ޚަޒާނާއަށާއި، ޤާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކަށް ބޭނުން ބަޔަކު ޢައްޔަންކޮށް، އަމިއްލަ އިޚްތިޔާރުގައި ކަންކަން ކުރަމުން ގެންދިޔައީ ކޮން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ލިބިގެންވާ ބާރަކުންތޯ ސުވާލު ކުރަށްވާފައެވެ.

"ކުރީގެ ރައީސުންނަށް ދަންނަވަން. ތިޔަ ބޭފުޅުންގެ ތެރެއިން ކޮންމެ ރައީސަކުވެސް މިހާރު ވަރަށް ބޮޑަށް ކަންބޮޑުވެ ވާހަކަދައްކަވަނީ އިޤްތިޞާދު، ކޮރަޕްޝަން، ސުޕްރީމް ކޯޓު، ޝަރުޢީ ދާއިރާ، އެންޓި-ކޮރަޕްޝަން ކޮމިޝަން، މިނިވަން މުއައްސަސާތައް، ސިޔާދަތު އަދި މިނިވަންކަމާ ބެހޭގޮތުންނެވެ. އެހެންނަމަވެސް، އެ ދުވަސްވަރު ގިނަ ރައްޔިތުން ތިބީ ބިރުވެރިކަމުގެ ތެރޭގައެވެ." މެމްބަރު އިސްމާޢިލް ވިދާޅުވިއެވެ.

މީގެ އިތުރުން ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ކުރީގެ ރައީސުން އެ ބޭފުޅުންގެ ދައުރުގައި ހިންގާފައިވާ ކަރަޕްޝަންގެ ޢަމަލުތަކާއި، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާފައިވާ މިންވަރާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ހަމައެހެންމެ، އޭ.ސީ.ސީއަށް ނުފޫޒު ފޯރުވައި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުކޮށްފާނެ ފަދަ ގޮތަކަށް ކޮށްފައިވާ ކަންކަމާ މެދުވެސް ވިސްނާލަން ޖެހޭ ކަމަށް މެމްބަރު އިސްމާޢިލް ވިދާޅުވިއެވެ.

"ކެޔޮ ކޭވަރު އެނގޭނީ ބިތު ފަންގި ނެގީމައެވެ." މެމްބަރު އިސްމާޢިލްގެ އެކްސްގައި ކުރެއްވި ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން