ސަރުކާރުން ވަކިކުރި ސިޔާސީ މުވައްޒަފުންގެ އަދަދު އެހާވަރަކަށް ސިއްރުކުރަން އުޅެނީ ކީއްވެތޯއޭ ވިދާޅުވެ، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފް ސުވާލުކުރަށްވައިފިއެވެ.

ސަރުކާރުގެ އިޤްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން 248 ސިޔާސީ މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މުވައްޒަފުން ވަކިކުރީ ކޮން މިނިސްޓްރީތަކަކުން ކަމާއި ވަކިކުރީ ކޮން ބައެއް ކަމެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެ މައުލޫމާތު ހޯދަން ރާއްޖޭގެ ބައެއް މީޑިޔާތަކުން އެދުމުން ސަރުކާރުން އެ މައުލޫމާތުތަށް ނުދީ ހިފަހައްޓާފައިވާއިރު ދާދިފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެމައުލޫމާތުތަށް ހާމަކުރަން ރައީސް އޮފީހަށް އަންގާފައެވެ.

އެހެން ނަމަވެސް އެމައުލޫމާތު ހާމަކުރުމުގެ ބަދަލުގައި ސަރުކާރުން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފްކޮށްފަައެވެ. އެކަމާ ގުޅިގެން ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކި މިނިސްޓްރީތަކުން 228 މުވައްޒަފަކު ވަކިކުރަން ނިންމާފައިވާ ކަން އިއުލާންކުރެއްވީ ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. މަހުލޫފް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ސިއްރު ނުކުރާނެކަމަށް އިންތިޚާބުގެ ތެރޭގައި އަދި އޭގެ ފަހުންވެސް ސަރުކާރުން ބުނަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް ވަކިކުރި 248 މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ސަރުކާރުން ތަކުރާރުކޮށް ދެކޮޅުހަދާ މިހާރު ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"މިއީ ހަމައެވަރުން ސިއްރުކުރަންޖެހޭ ވަރުގެ ކަމެއްބާވައެވެ. އިނގިލިން ގުނާލެވޭ ވަރާގާތަށްވެސް މީހުން ވަކިކުރިކަމަށް ނުބެލެވެއެވެ. މިކަން މިހާބޮޑަށް ސިއްރުކުރަން ސަރުކާރުން އުޅެނީ ކީއްވެތޯ؟" މަޚުލޫފް ވިދާޅުވިއެވެ.

އިގުތިސާދު ރިފޯމް އެޖެންޑާގެ ތެރެެއިން އެކި މިނިސްޓްރީތަކުން 228 މުވައްޒަފަކު ވަކިކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ގައި އިއުލާން ކުރައްވައިފަ އެވެ.

ސަރުކާރުން ވަޒީފާއިން ވަކިކުރެވުނު ކަމަށް ބަޔާންކުރާ ސިޔާސީ މުވައްޒަފުންގެ ތަފްޞީލު ހާމަނުކުރުމަށް ރައީސް އޮފީހުން ނިންމާފައިވަނީ، އެއީ އަމިއްލަ މަޢުލޫމާތު ކަމަށް ބުނެއެވެ. މި މަޢުލޫމާތު ހޯދުމަށް ހުށައެޅުމުން ރައީސް އޮފީހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ދެއްވި ޖަވާބުގައި ބުނެފައިވަނީ، ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންގެ ނަންތަކަކީ ސުޕްރީމް ކޯޓުގެ ޙުކުމެއްގައި ފާހަގަކުރައްވާފައިވާ ފަދައިން، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ރައްކާތެރިކޮށްދީފައިވާ ޙައްޤުގެ ދަށުން ހިމާޔަތްކުރެވިފައިވާ އަމިއްލަ މަޢުލޫމާތު ކަމަށެވެ. އެހެންކަމުން، މި މަޢުލޫމާތަކީ ޢާންމުކޮށް ހާމަކުރެވެން ނެތް މަޢުލޫމާތެއް ކަމުގައި ރައީސް އޮފީހުން ނިންމަވާފައިވެއެވެ.

އެހެންނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމަވާފައިވަނީ ސިޔާސީ މުވައްޒަފުންގެ ނަންތަކަކީ އަމިއްލަ މަޢުލޫމާތުގެ ގިންތީގައި ނުހިމެނޭ މަޢުލޫމާތު ކަމަށާއި، މި މަޢުލޫމާތު ޢާންމުކޮށް ހާމަކުރަންޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން