ރާއްޖޭގެ ވައިގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދުގައެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، އާ ޓާމިނަލް ހުޅުވުމުން ޓެކްސީ ކިއުއަށް އަންނާނެ ބަދަލުތަކާއި، ޓެކްސީ އާއި ހަތަރު ފުރޮޅުލީ ވެހިކަލްތައް ދަތުރުކުރާނެ މަގުތަކަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ވެހިކަލްތައް ޕާކުކުރުމަށް އެމްއޭސީއެލުން ހަމަޖައްސާނެ ސަރަޙައްދުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރި އެވެ. އަދި އެއާޕޯޓު ސަރަޙައްދުގައި ބަހައްޓާ "ރައުންޑް އެބައުޓް" ބޭނުންކުރާނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ބަދަލުތަކުގެ ސަބަބުން އާ ޓާމިނަލްގެ ހިދުމަތް ފެށުމާއެކު އެއާޕޯޓުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށް މަގުފަހިވެގެންދާނޭ ކަމަށެވެ.

މި ބަދަލުތަކާއެކު ވީއައިއޭގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ވީއައިއޭގެ އާ ޓާމިނަލް މި އަހަރުގެ އޮކްޓޯބަރުގެ ކުރިން ހުޅުވަން ސަރުކާރުން އޮތީ އަމާޒު ހިފައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން