ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ, މެޓުން ބުނެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭ ސަރަހައްދުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.

މިހާރު ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ 11 އަދި 12 މާރިޗްގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި މާދަމާ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށްވެސް ވިއްސާރަ ކުރާނެއެވެ. އަދި ބުދަ ދުވަހު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

ބުރާސްފަތި ދުވަހު މުޅި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު