ވެންޓިލޭޓަރު ހިޔާނާތުގައި ހިމެނޭ މީހުންނަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާކޮށްދޭން ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގުކޮށް، މަކަރާއި ހީލަތް ހެދުމުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް ހުށައެޅުމަށެވެ.

ކޮވިޑް ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލައިގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެ މައްސަލައިގައި ޕީޖީގެ ލަފައަކަށް އެދި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، އެ މައްސަލައާ ގުޅޭގޮތުން އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ކޮމިޓީއަށް ފޮނުއްވި ސިއްރު ސިޓީއަކަށް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

"އެ ސިއްރު ސިޓީގެ މައިގަނޑު ވާހަކައަކީ މި މައްސަލައިގައި އާބިޓްރޭޝަނަށް ދެވިއްޖެއޭ، އާބިޓްރޭޝަނުން ދިވެހި ސަރުކާރަށް 1.88 މިލިޔަން ޑޮލަރާއި އެހެން ހަރަދުތައް ވަނީ ލައްވައިފައޭ، އެހެންނަމަވެސް އަހަރު ދުވަސްވީ އިރުވެސް މިފައިސާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައެއްނެތޭ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެ ފައިސާއަކީ މަދަނީ ގޮތުން އާބިޓްރޭޝަން މެދުވެރިކޮށް މަސައްކަތްކޮށްގެން ލިބިދާނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މި ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީ ކޮށްފައި އޮތް ކުންފުންޏަކަށްވާތީ އެކޮޅުން ލޯޔަރުން ހޯދައިގެން އެކަން ކުރުމަށް ވަރަށް ބޮޑު ހަރަދެއްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އޭގެ ބަދަލުގައި މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް މައްސަލައެއް މި ކުންފުނިން ދިވެހި ސަރުކާރުން މިފައިސާ ލިބިގަތްކަން، އަދި ފައިސާ ހޯދައިފައި އެއްޗެހި ސަޕްލައިނުކޮށްދިންކަން، އެހެންވީމަ މިހާރު ފުރުސަތު އެބައޮތް މަކަރާއި ހީލަތް ދިވެހި ސަރުކާރަށް ހަދާފައި އޮތް ބަޔެކޭ މި ބަޔަކީ،“ ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރަށް ނާޒިމް ވިދާޅުވީ މި މައްސަލައަކީ ފުލުހުންގެ މެންޑޭޓްގައި ހިމެނޭ މައްސަލައެއް ކަމަށާއި ފުލުހުންނަށް މިކަމާބެހޭ ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށް ޕީޖީ ލަފާދެއްވާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން