ރާއްޖޭގެ 65 ރަށެއްގައި ސިއްޙީ ޚިދުމަތްދޭ އިމާރާތްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ސްޓޭޓް މިނިސްޓަރު އަހްމަދު ޤާސިމް ވިދާޅުވީ މި މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަރުހަލާ މިހާރު ފެށިފައިވާ ކަމަށެވެ. މީގެ އިތުރުން، ސިއްޙީ ޚިދުމަތްދޭ ބައެއް ތަންތަނުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހްމަދު ޤާސިމް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން 36 ރަށެއްގައި އަލަށް ސިއްޙީ މަރުކަޒު އިމާރާތްކުރުމާއި 29 ރަށެއްގައި ހޮސްޕިޓަލްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މިހާރުވެސް ތިން ހޮސްޕިޓަލެއް ޓާރޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ހަތަރު މަސްތެރޭގައި މި ޚިދުމަތް ހުރިހާ އަތޮޅަކުން ލިބެން ފަށާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން