ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ހޯދާފައިވާ 1.5 ބިލިއަން ރުފިޔާ (100 މިލިއަން ޑޮލަރު) ގެ ލޯނު މި މަހުގެ ތެރޭގައި ސަރުކާރުން ދައްކާ ނިންމާފައިވާކަމަށް ބުނެފިއެވެ.

ފިނޭންސްގެ އިސް އޮފިޝަަލަކު ބައެއް ނޫސްތަކަށް ވިދާޅުވީ، މި ސަރުކާރުންް ދަނީ ދައުލަތުން ދައްކަންޖެހިފައިވާ ލޯނުތައް އަދާކުރުމުގެ ޒިންމާ ފުރިހަމައަށް އަދާކުރަމުން ކަމަށާއި އެގޮތުން މިހާތަނަށް ދައްކަންޖެހޭ ހުރިހާ ލޯނެއް ވެސް މުއްދަތުގައި ބަރާބަރަށް އަދާކުރަމުން ދާކަމަށެވެ.

އޭގެތެރެއިން މި މަހުގެ ތެރޭގައި އަދާކުރި އެންމެ ބޮޑު ލޯނަކީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ބަޖެޓު ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ލޯނު އަދާކޮށްފައިވާނީ އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ވެސް ހިމަނައިގެން ކަމަށެވެ.

ކާގިލް ފައިނޭންސްގެ ލޯނު ކުރީގެ ސަރުކާރުން ނަގާފައިވަނީ، 7.15 އިންޓަރެސްޓު ރޭޓުގައި ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

ސަރުކާރުން ބޮޑު ލޯނެއް އަދާކޮށް ނިންމާލާފައިވާކަން ހާމަކޮށްފައިވާއިރު، އެމްއެމްއޭއިން މިއަދު ވަނީ ޔޫސަބަލް ރިޒަރވްގެ ގޮތުގައި ހުރި އަދަދު 179 މިލިއަން ޑޮލަރަށް އަރާފައިވާކަން ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން