މި ސަރުކާރުން ފައިސާ ޗާޕްކުރަން އުޅެނީ ހާރިޖީ ސިޔާސަތު ފެއިލްވުމުގެ ސަބަބުން ބޭރުން ލިބެންވާ އެއްވެސް އެހީއެއް ނުލިބުމުންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ރިއަލްއެސްޓޭޓް ވިޔަފާރިއަަށް ބިން ދީގެން ފައިސާ ހޯދަން ނިންމާފައިވާކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށް ޝާހިދު އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ، އެއީ ޒިންމާދާރުކަން ކުޑަ، އަދި އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ އިތުރުން އިގްތިސާދީ މާހިރުގެ ލަފަޔާ ހިލާފަށް ސަރުކާރުން ކުރަންއުޅޭކަމެއް ކަމަށެވެ.

އަދި ވިދާޅުވީ، މިހާރު ގައުމު އޮތީ ހަރަދު ކުޑަކުރަން ޖެހިފައި ކަމަށާއި އެކަމާ ގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް ހަރަދު ކުޑަކުރަން ޖެހިފައި އޮއްވާ ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށް ދޫކޮށްލުމުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވާނެ ކަމަށެވެ.

އޭގެ އިތުރުން ދިވެހި ރުފިޔާގެ އަގު ވެއްޓި އިގުތިސާދަށް ލޮޅުން އަރާނެ ކަމަށާއި އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ނިކަމެތި ރައްޔިތު މީހާއަށް ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ، އޭގެ ސަބަބުން ޓެކްސްތައް ބޮޑުކުރަން ޖެހޭނެ ކަމަށާއި އާންމު ބައެއް ހިދުމަތްތައް މެދުކަނޑާލަން ވެސް ޖެހިދާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ލިބުނު ކޮންމެ މަގަކުން ސަރުކާރުން ފައިސާ ހޯދަން މަސައްކަތް ފެށީ ހާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުންވެސް އެއްވެސް ފައިސާއެއް ނުލިބުމުންކަމަށެވެ.

އަދި އެ ކަމަކީ ހަރަދަށް ޒިންމާވުމުގެ ގާނޫނާއި އެމްއެމްއޭގެ ގާނޫނާ ވެސް ހިލާފު ކަމެއްކަމަށްވާތީ ވަގުތުން އެ މަސައްކަތް ހުއްޓާލަން ޝާހިދު ވަނީ ގޮވާލައްވާފައެވެ.

އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ޗާޕްކުރުމުގެ މަސައްކަތްކުރާކަމަށް އެމްޑީޕީން​ ތުހުމަތު ކޮށްފައިވާއިރު މިކަމުގައި މިހާތަނަށް ސަރުކާރުން އަދި އެމްއެމްއޭއިން ވެސް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން