އަޒްމިރާލްދާ ޒާހިރު--
އަޒްމިރާލްދާ ޒާހިރު--
ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން މިހާރު ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައިގެ އަޑުއެހުންތަކުގައި އޭނާގެ ވަކީލަށް ފުރުސަތު ނުދޭ ކަމަށް ބުނާ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.

އަޒްމިރާލްދާއާ ގުޅޭ ސުލޫކީ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ފެށިއިރު އޭނާގެ ވަކީލު އިބްރާހިމް ޝަމީލު ނެރުއްވި ބަޔާނުގައި ވިދާޅުވީ ވަކީލުގެ ހައިސިއްޔަތުން ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދިން ކަމަށާއި އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދިޔައީ ގާނޫނު އަސާސީއާ ވެސް ހިލާފަށް ކަމަށެވެ.

ވަކީލުގެ ބަޔާނާ ގުޅިގެން ޖޭއެސްސީން ވެސް މިއަދު ބަޔާނެއް ނެރެ ބުނީ ވަކީލު މީޑިއާތަކަށް ދެއްވީ ހަގީގަތާއި ހިލާފު މައުލޫމާތުތަކެއް ކަމަށެވެ. އަދި ފަނޑިޔާރަކަށް ލިބިދޭންޖެހޭކަމަށް ކަނޑައަޅާފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ ފުރިހަމަގޮތުގައި އަޒްމިރަލްދާއަށް ދިން ކަމަށް ވެސް ޖޭއެސްސީން ބުނެފައި ވެއެވެ.

މިހާރު އަމަލުކުރަމުންދާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާއަށް ރިއާޔަތްކޮށް ޖޭއެސްސީން ބުނީ އެ މައްސަލައިގައި ޖަވާބު ދާރީވާން ޖެހޭނީ ވެސް އަޒްމިރަލްދާ ކަމަށާއި ވަކީލު ނޫން ކަމަށެވެ.

"ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ތަހުގީގު ކޮމިޓީން ބަލަމުންދާ މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި، އެ މައްސަލައިގެ ތަފްސީލު އެ މައްސަލަ ރައްދުވާ ފަނޑިޔާރަށް ދިނުމުން، ބަލަމުންދާ މައްސަލައާ ގުޅޭގޮތުން ތަހުގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ފަނޑިޔާރު ޖަވާބުދޭންވާނެ ކަމަށެވެ." ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޖޭއެސްސީން ބުނީ ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތެއްގައި ފަނޑިޔާރަށް ގާނޫނީ ލަފާދިނުން ކަމަށާއި އެ ފުރުސަތު ތަކުރާރުކޮށް ކޮމިޓީގެ ފަރާތުން ފަނޑިޔާރާއި ވަކީލަށްވެސް ދިން ކަމަށެވެ.

"އަދި ބޭނުންފުޅުނަމަ ފަނޑިޔާރާ ވަކީލު ވަކިން މަޝްވަރާކުރުމުގެ ފުރުސަތުވެސް ތަކުރާރުކޮށް ދީފައިވާނެއެވެ. މިއީ މި ކޮމިޝަނާއި ދިވެހިރާއްޖޭގެ އެންމެހައި ތަހުގީގީ އިދާރާތަކުންވެސް އަމަލުކުރަމުން ގެންދާ އާންމު އަދި ގާނޫނީ އުސޫލެވެ." ޖޭއެސްސީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން