1990 ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޓީވީކަމުގައިވާ ޓެލެވިޜަން މޯލްޑިވްސްއިން ކޮންމެ ރަމަޟާން މަހަކު ދައްކަމުން އަންނަ "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާއަކީ، އެ ސިލްސިލާ ދައްކަން ފެށީއްސުރެ ދިވެހީންގެ މެދުގައި ޚާއްޞަ މަޤްބޫލުކަމެއް ލިބިފައިވާ ސިލްސިލާއެކެވެ. އެ ސިލްސިލާގައި ހިނގާ ކަންކަމާއި ޑައިލޮގުތައް ދިވެހީން ގިނަ ބަޔަކު ހިތުދަހެވެ. އަދި އޭގައި ހިނގާ ކަންކަން މީސްމީޑިއާގައި "މީމް" ތަކެއްގެ ގޮތުގައިވެސް ފެނިގެން ދެއެވެ. ދިވެހީންގެ ތެރޭގައި މި ސިލްސިލާ މިހާ މަޤްބޫލުވީ ޚާއްޞަކޮށް އޭގައި އެކްޓުކޮށްފައިވާ ތަރީންގެ އެކްޓުކުރުމުގެ ފުރިހަމަ ކަމާއެކު، އޭގެ ދިވެހި ތަރުޖަމާއާއި، އެޔަށް ދިވެހި ބަހުން އަޑުއަޅާފައިވާ ލެއް ފުރިހަމަ ކަމުންނެވެ.

މި ސިލްސިލާއަކީ މީގެ 60 ވަރަކަށް އަހަރުކުރިން މިސްރުގެ މަޝްހޫރު ލިޔުންތެރިޔެއް ކަމަށްވާ ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު ލިޔެފައިވާ ނަބީބެކަލުންގެ ވާހަކައަކަށް، ޢަބްދުލްފައްތާޙް މުޞްޠަފާ ލިޔެފައިވާ ސްކްރިޕްޓަކަށް ކުޅެފައިވާ ސިލްސިލާ ފިލްމެކެވެ. ފިލްމު ޑައިރެކްޓްކުރީ މިސްރުގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު އަޙްމަދު ޠަންޠާވީއެވެ. 1980 ވަނަ އަހަރުގެ ޖުލައި 15 ގައި ފުރަތަމަ ބައި، އެއީ އިބްރާހީމްގެފާނުގެ ބައިން ފެށިގެން ޔޫސުފްގެފާނުގެ ބައިގެ ނިޔަލަށް، ރިލީޒްކުރި މި ސިލްސިލާގައި މިސްރުގެ މަޝްހޫރު ފިލްމީތަރިން ބައިވެރިވެފައިވެއެވެ. މީގެތެރެއިން ގިނަ ތަރީން މިހާރު ވަނީ ދުނިޔެއަށް އަލްވަދާއުވެސް ކިޔާފައެވެ.

ދިވެހީންގެ މެދުގައި މިހާ މަޤްބޫލު ސިލްސިލާއެއްގެ މުހިއްމު ކެރެކްޓަރތައް ކުޅެފައިވާ ތަރީންނަކީ ކޮބައިކަން އެނގުމަކީ ވަރަށް ގިނަ ދިވެހީން އެކަމަކަށް އެދިއެދި ތިބޭނެ ކަމެއްކަން ޔަގީނެވެ. އެގޮތުން "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގެ މުހިއްމު ރޯލްތައް ކުޅުނު ތަރީންގެ މައުލޫމާތު ސިލްސިލާއެއްގެ ގޮތުގައި އަޅުގަނޑު މި އަންނަނީ މި ނޫހުގެ ކިޔުންތެރީންނަށް ގެނެސްދެމުންނެވެ. މިގޮތުން މިއަދު މި ގެނެސްދެނީ އެ ސިލްސިލާގެ ވަރަށް މުހިއްމު ކެރެކްޓަރތަކެއްގެ ރޯލު އަދާކޮށްފައިވާ މިސްރުގެ މަޝްހޫރު އެކްޓަރު ޢަބްދުލްޣައްފާރު ޢައުދާއާ ބެހޭ މައުލޫމާތުކޮޅެކެވެ. އޭނާ އަދާކޮށްފައިވާ މުހިއްމު ރޯލުތަކުގެ ތެރޭގައި އިބްރާހީމްގެފާނުގެ ބައިގައި އޭނާ އަދާކުރި ފިރުޢައުނުގެ ރޯލާއި، ގެފުޅު މުގުރާން ދިޔަ އަބްރަހަތުގެ ރޯލު ފާހަގަކޮށްލެވެއެވެ.

ޢަބްދުލްޣައްފާރު ޢައުދާއަކީ އޭނާގެ ގަދަފަދަ އަޑާއި، ވަރުގަދަ ޖިސްމާއި، އަރަބި ބަހުގެ ބަލާޣާތްތެރިކަމާއި، ޑައިލޮގް ކިޔުމުގެ ހުނަރާއި، ކޮންމެ ރޯލެއްވެސް ފަސޭހަކަމާއެކު އަދާކުރުމުގެ ޤާބިލުކަމުގެ ސަބަބުން މަޝްހޫރުވެފައިވާ އެކްޓަރެކެވެ. މި ހުނަރުވެރިކަމުގެ ސަބަބުން އޭނާއަށް ސްޓޭޖް ތަމްސީލުތަކުގެ އިތުރުން ބޮޑު ސްކްރީނު ފިލްމުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނެވެ. ޚާއްޞަކޮށް ތާރީޚީ ފިލްމުތަކުގައި އޭނާގެ ދައުރު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، އޭނާ ވަނީ ގިނަ ޢަދަދެއްގެ ޓެލެޑްރާމާތަކުގައިވެސް ބައިވެރިވެފައެވެ.

ޢަބްދުލްޣައްފާރު ޢައުދާ އުފަންވީ 1940 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު، މިޞްރުގެ އައްދަޤަހްލިއްޔާ މުޙާފަޡާގައެވެ. އޭނާގެ ޅަފަތުގެ މަޢުލޫމާތު މަދުނަމަވެސް، ކުޑައިރުއްސުރެ ފިލްމީ ދާއިރާއާ ގުޅުންހުރި ކަން އެނގެއެވެ.

ތަޢުލީމީ ގޮތުން، ޢަބްދުލްޣައްފާރު ޢައުދާ 1964 ގައި ހަޔަރ އިންސްޓިޓިއުޓް އޮފް ތިއޭޓްރިކަލް އާޓްސްއިން އެކްޓުކުރުމާއި އަދި ޑައިރެކްޓްކުރުމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ހާސިލުކުރިއެވެ. އަދި 1972 ގައި ހަންގޭރީން ތިއޭޓްރިކަލް ޑައިރެކްޓިންގ އިން އިތުރު ސަނަދެއް ހޯދިއެވެ.

ފަންނީ މައިދާނުގައި، ޢަބްދުލްޣައްފާރު ޢައުދާ ފާހަގަކުރެވުނީ ބެލުންތެރިންގެ ވިސްނުމަށް އިޙްތިރާމްކުރުމާއި، ސަގާފީ، ޤައުމީ އަދި އަޚްލާޤީ އަގުތައް ކުރިއެރުވުމަށް މަސައްކަތްކުރި ފަންނާނެއްގެ ގޮތުގައެވެ. އަދި ޢަބްދުލްޣައްފާރު ޢައުދާގެ ފިލްމީ ހަޔާތުގައި ސްޓޭޖް ތަމްސީލުތަކުގެ ދާއިރާގައި އޭނާގެ ޙިއްޞާ ފާހަގަކޮށްލެވެއެވެ. އޭނާ ދަތުރުކުރާ ތިއޭޓަރެއް އުފައްދައި، މިޞްރުގެ އެކި ސަރަޙައްދުތަކަށް ދަތުރުކޮށް ތަމްސީލުތައް ހުށައެޅިއެވެ. މީގެ އިތުރުން، އޭނާ ތަފާތު ތިއޭޓަރުތައް އުފައްދައި، ގިނަ ސްޓޭޖް ތަމްސީލުތައް އުފެއްދުމާއި ޑައިރެކްޓްކުރުމުގައި ހަރަކާތްތެރިވިއެވެ.

އެކްޓުކުރުމާއި ޑައިރެކްޓްކުރުމުގެ އިތުރުން އޭނާ އެ ފަންނު ކިޔަވައިދޭން ވެސް އުޅުނެވެ. މިގޮތުން ޢަބްދުލްޣައްފާރު ޢައުދާ ކުވެއިތާއި މިޞްރުގެ ފިލްމީ އަދި ފަންނީ ދާއިރާގެ މަތީ ތަޢުލީމީ މަރުކަޒުތަކުގައި ޕްރޮފެސަރުކަން ކުރިއެވެ. އަދި އޭނާ މިޞްރުގެ ސަގާފަތާބެހޭ އެންމެ މަތީ މަޖިލީހާއި، ތިއޭޓަރާބެހޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަމާއި، އެކްޓަރުންގެ ސިންޑިކޭޓްގެ ޑައިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ވެސް އަދާކުރިއެވެ. އަދި ދެ ދައުރެއްގައި އެކްޓަރުންގެ ސިންޑިކޭޓްގެ ރައީސްކަންވެސް ކުރިއެވެ.

ޢަބްދުލްޣައްފާރު ޢައުދާ އެންމެ މަޝްހޫރުވެފައިވަނީ ތާރީޚީ އަދި ދީނީ ސިލްސިލާތަކުގައި އަދާކުރި ރޯލުތަކުންނެވެ. މީގެ ތެރޭގައި "ލާ އިލާހަ އިއްލަﷲ" ސިލްސިލާގައި ހިކްސޫސުންގެ ރަސްގެފާނު "އަބޫ ފައިސް" ގެ ރޯލާއި، "ހާރޫން އައްރަޝީދު" ސިލްސިލާގައި ޔަޙްޔާ އަލްބަރްމަކީގެ ރޯލު، އަދި "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގައި މިޞްރުގެ ފިރުޢައުނާއި އަބްރަހަތުގެ ރޯލު ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ.

އޭނާގެ ފަންނީ ހުނަރުވެރިކަމާއި ޚިދުމަތްތަކަށް ޢަބްދުލްޣައްފާރު ޢައުދާއަށް ވަނީ ގިނަ އެވޯޑުތަކާއި ޝަރަފުތައް ލިބިފައެވެ. މީގެ ތެރޭގައި 1980 ގައި "ސިއްތުލްމަލިކް" ތަމްސީލު ޑައިރެކްޓްކޮށްގެން ލިބުނު ދައުލަތުގެ ހިތްވަރުދިނުމުގެ އިނާމާއި، 1981 ގައި ލިބުނު ފުރަތަމަ ދަރަޖައިގެ ސައިންސާއި ފަންނުގެ މެޑަލް، އަދި 1982 ގައި ލިބުނު ފުރަތަމަ ދަރަޖައިގެ ޖުމްހޫރީ މެޑަލް ހިމެނެއެވެ.

މިޞްރާއި އަރަބި ދުނިޔޭގައި، އަދި ޚާއްޞަކޮށް ދިވެހިރާއްޖޭގައިވެސް މަޤްބޫލުކަން ލިބިފައިވާ ކުޅަދާނަ ފަންނާނު، ޢަބްދުލްޣައްފާރު ޢައުދާ، ފިލްމީ ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރުމަށްފަހު، 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ދުނިޔެއަށް އަލްވަދާއުކިއެވެ. އޭނާގެ ފަންނީ އުފެއްދުންތެރިކަމާއި ހުނަރުވެރިކަމުގެ ތަރިކައަކީ މިއަދުވެސް ފިލްމީ ދާއިރާގައި ދެމިއޮތް، އޭނާގެ އަގުހުރި ނިޝާނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން