ޕީސީބީގެ ބައްދަލުވުމެއްގެ އެއްގެ ތެރެއިން، ފޮޓޯ: ޕީސީބީ
ޕީސީބީގެ ބައްދަލުވުމެއްގެ އެއްގެ ތެރެއިން، ފޮޓޯ: ޕީސީބީ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އާމްދަނީ މިދިޔަ އަހަރު 13 އިންސައްތައިން ދަށަށް ގޮސްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފިއެވެ.

ޕީސީބީ އިން މިއަދު އެ ބޯޑުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމު ކޮށްފައިވާއިރު، އެ ރިޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު ލިބިފައިވަނީ ޖުމުލަ 46.1 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މިއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 13 އިންސައްތަ ދައްވުމެއްކަން ޕީސީބީއިން ވަނީ ފާހަގަ ކޮށްފައެވެ.

ޕީސީބީގެ ރިޕޯޓުގައި ބުނެފައިވަނީ ކުންފުނިތަކުގެ އާމްދަނީ ދައްވިއިރު ސާފު ފައިދާވެސް ވަނީ ތިނެއް އިންސައްތައިން ދައްވެފައި ކަމަށެވެ.

ކުންފުނި ޕާފޯމަންސަށް ބަލާއިރު މިދިޔަ އަހަރު 13 ކުންފުންޏަކަށް ވަނީ ގެއްލުން ވެފައެވެ. އޭގެ ތެރޭގައި ގިނައީ ސަރުކާރުން ކެޕިޓަލް ދީގެން ހިންގާ ކުންފުނިތައްކަމަށް ޕީސީބީއިން ވަނީ ފާހަގަ ކޮށްފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނިވެސް ވަނީ މިދިޔަ އަހަރު އިތުރުވެފައެވެ. އެގޮތުން ބަލާއިރު އަހަރު ނިމުނު އިރު ކުންފުނިތަކުގެ ޖުމުލަ ދަރަނި ހުރީ 58.8 ބިލިއަންގައެވެ. މިއީ 2023 އާ އަޅާބަލާއިރު 17.5 އިންސައްތައިގެ އިތުރުވުމެއްކަން ޕީސީބީން ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދުގައި ސަރުކާރު ހިއްސާވާ ކުންފުނިތަަކަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކުންފުނިތަކެކެވެ. މިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގޮތުގައި 33 ކުންފުންޏެއް އޮތް އިރު، އޭގެ ތެރޭގައި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އެކުލެވޭ 23 ކުންފުނި ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން