ނިރުބަވެރި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ތިން ނޫސްވެރިން ހިމެނޭ ގޮތަށް ފަލަސްތީނުގެ ނުވަ މީހުން ޝަހީދުވެއްޖެއެވެ.

ޣައްޒާގެ އުތުރުގެ ބެއިޓް ލާހިޔާ ޓައުންއަށް އިސްރާއީލުން ދިން މި ވައިގެ ހަމަލާގައި ނުވަ މީހުން ޝަހީދުވެފައިވާއިރު ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ލޯކަލް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސިއްހީ އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ މި ހަމަލާގެ ސަބަބުން އެތައް ބަޔަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

މަންޒަރު ދުށް މީހުން ބުނީ މި ހަމަލާ އަމާޒުވީ ބެއިޓް ލަހިޔާގައި ހުންނަ އަލް ޚައިރު ނަމަކަށް ކިޔާ ޗެރިޓީ ފައުންޑޭޝަނެއްގެ މިޝަނެއްގައި އޮތް ކާރަކަށް ކަމަށެވެ. އަދި މި ކާރު ކައިރީގައި ހަމަލާ ދިން ވަގުތު ގިނަ އަދަދަކަށް ނޫސްވެރިންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުން ތިބި ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބެއިޓް ލަހިޔާގައި ތިބި ނުރައްކާތެރި ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާއެއް ދެވިފައިވާ ކަމަށާއި އެމީހުންނަކީ ޑްރޯނެއް އޮޕަރޭޓް ކުރަމުން ދިޔަ "ޓެރަރިސްޓުން" ކަމަށް ޔަގީންވެފައިވާ ކަމަށެވެ.

ފަހުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޑްރޯންގެ ސާމާނު އެއްކޮށް ނައްތާލާފައިވާ ކަމަށް ބުނެފައެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދިން މީހުންނަކީ "ޓެރަރިސްޓުން" ކަމަށް ކަނޑައެޅީ ކިހިނެއް ކަމެއް ނުވަތަ ޑްރޯންގެ ސަބަބުން ކުރިމަތިވި ނުރައްކަލުގެ ތަފްސީލެއް ވެސް ނުބުނެ އެވެ.

މީގެ ކުރިންވެސް އިސްރާއީލުން ވަނީ މިފަދަ ހަމަލާތައް ދީ އޭގެ ތަފްސީލުތައް އޮޅުވާލަން މަސައްކަތް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން