މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު، ފޮޓޯ: ގޫގުލް
މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު، ފޮޓޯ: ގޫގުލް
މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ ރައީސް ވިދާޅުވާހާ ގޮތަކަށް މަސައްކަތް ކުރާ މަޖިލީހެއް ނޫންކަން މިއަދު ހާމަވެގެންދާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމުގެ ބިލު ތަސްދީގު ނުކުރައްވައި ރައީސް އެބިލު އަނބުރާ ފޮނުއްވާލުމާ ގުޅިގެން، އެ ބިލާމެދު އަމަލުކުރާނެ ގޮތަކާމެދު ބަހުސް ކުރުމަށް މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ހުޅުވާލުމުން، ބިލާ މެދު ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މި ބިލާ މެދު ބަހުސް ކުރަމުން ފަލާހު ވިދާޅުވީ މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ބޮޑު މެޖޯރިޓީ އޮތަސް، މި މަޖިލީހަކީ ރައީސް އަންގަވާ ކޮންމެ ކަމެއް ފާސްކުރާނެ މަޖިލީހެއް ނޫން ކަން ރައްޔިތުންނަށް މިހާރު ހާމަވެފައިވާނެ ކަމަށެވެ.

އަދި މި ބިލްގެ ސަބަބުން އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށްވެސް ޖަވާބެއް ލިބިގެންދާ ކަމަށާއި، ޕީއެންސީން ފާސްކުރާ ކޮންމެ ފާސްކުރުމެއް ރައީސް ގަބޫލު ނުކުރައްވާކަން ހާމަވެގެން ގޮސްފައިވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

މި ބިލުގައި އޮތް ގޮތުންނަމަ ބިލް ތަސްދީގުކުރާތާ ފަސް ދުވަހޫގެތެރޭގައި ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ޖެހޭ ކަމަށް ފަލާހު ވަނީ ފާހަގަ ކުރައްވާފައެވެ. އެހެންނަމަވެސް މިހާރު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފަށައި، އެ ފަނޑިޔާރުން ސަސްޕެންޑު ކުރައްވާފައިވާތީ މިވަގުތު ކޯޓުގައި 7 ފަނޑިޔާރުން ނެތްކަމަށް ފަލާހު ވިދާޅުވިއެވެ.

އެހެންވެ، ބިލް ތަސްދީގު ކުރިޔަސް ބިލްގައިވާ ގޮތަށް ފަސް ދުވަހުގެ ތެރޭގައި ކޯޓުގެ ފަސް ފަނޑިޔާރުން ކަނޑައެޅޭނެ ގޮތެއް ނެތް ކަމަށް ފަލާހު ވަނީ ފާހަގަ ކުރައްވާފައެވެ.

ފަލާހު ހުށަހެޅުއްވީ ބިލް އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުއްވުމަށެވެ. މި ހުށަހެޅުން ވަނީ މަޖިލީހުގެ 50 މެމްބަރުންގެ ވޯޓާއެކު ފާސްވެފައެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ބަދަލު ކުރަން ނިންމައި ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދުއެވެ.

މި ބިލް މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވުމުން ރައީސް ވަނީ ބިލް ތަސްދީގު ނުކުރައްވައި އަލުން ދިރާސާ ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން