ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިން، ފޮޓޯ: ގޫގުލް
ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިން، ފޮޓޯ: ގޫގުލް
1988 ގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއިން ދިވެހި ރާއްޖެއާއި ރައްޔިތުން ސަލާމަތްކުރުމުގައި ޖިހާދުކޮށް ޝަހީދުވެފައިވާ ސިފައިންގެ އާއިލާތަކަށް ހާއްސަ އިނާޔަތްތަކެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާތަކާ ދެކޮޅަށް ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ އާއިލާތަކަށާއި، އެ ހަނގުރާމާގައި ދެއްކެވި އާދަޔާ ހިލާފު ހިއްވަރާއި ސާބިތުކަމުގެ ސަބަބުން ޝަރަފުގެ ނިޝާން ދީފައިވާ ބޭފުޅުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އިނާޔަތް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސާފައިވާ ކަމަށެވެ.

މި އުސޫލު މިހާރު ގެޒެޓުގައި ޝާޢިއު ކޮށްފައިވާއިރު، މި އުސޫލުގެ ދަށުން ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާގެ މެމްބަރުންގެ ތެރެއިން މައިންބަފައިންނާއި ދަރިން އަދި ހުވަފަތް އަނބިން ކުރެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ލިބޭނެއެވެ.

އަދި އެ ދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިންނަށް ކާމިޔާބު ހޯދައި ދިނުމަށް ހިތްވަރު ދެއްކި އެހެން މީހުންނަށް ވެސް ކޮންމެ މަހަކު އިނާޔަތެއް ލިބޭނެ ކަމަށް އުސޫލުގައި ވެއެވެ.

އެގޮތުން އަމިއްލަ ފުރާނަ އަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށްޓަކައި ހުރަވީ ރަން މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދިނުމަށް ނިންމާފައިވާއިރު، ހުރަވީ ރިހި މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 8،000ރ. ގެ އިނާޔަތެއް ދޭނެއެވެ.

އަދި ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ މީހުންނަށް މަހަކު 6،000ރ. ގެ އިނާޔަތެއް ދިނުމަށް ވަނީ ނިންމާފައެވެ.

ނަމަވެސް މި އިނާޔަތް ލިބޭ މީހަކު ނިޔާވެއްޖެ ނަމަ އެ އިނާޔަތް ދިނުން ނިމުމަކަށް އަންނާނެ ކަމަށް އެ އުސޫލުގައި ވެއެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި އާއިލާތަކަށް ދެމުންދިޔަ އިނާޔަތް ބޮޑު ކުރުމަކީ ރައީސްގެ ވައުދެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން