މާލޭގެ މޭޔަރ އާދަމް އާޒިމް
މާލޭގެ މޭޔަރ އާދަމް އާޒިމް
މި ސަރުކާރުން ދަނީ ރައްޔިތުން ނިކަމެތި ކުރަމުން ކަމަށާއި އެހެންކަމުން ޙައްޤު ހޯދަން ރައްޔިތުން މަގުތަކަށް ނިކުތުމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ދިނުމަށް މި ސަރުކާރުން ނިންމާފައިވާ މީހުންގެ ވަގުތީ ލިސްޓަށް އެތައް ހާސް ބަޔަކު ވަނީ ޝަކުވާ ހުށައަޅާފައެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ މިސަރުކާރުގައި މަގުމަތިން ނޫން ގޮތަކަށް އެއްވެސް ހައްގެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން ފްލެޓު ލިބޭނެ ކަމުގެ އުންމީދުގައި ތިބި މީހުން ވެސް ހައްގު ބޭނުންވާނަމަ މަގު މައްޗަށް ނުކުންނަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

ހަމައެއާއެކު އާޒިމް ވިދާޅުވީ މާލެސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަން ކަމަށާއި ކުރީ ސަރުކާރުގައި އަޅާ ނިންމާފައިވާ ފްލެޓުތައް ދޫނުކޮށް، މި ސަރުކާރުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ގަޑުބަޑުކުރުމަކީ ރައްޔިތުން ނިކަމެތިކުރުން ކަމަށެވެ.

“ރައްޔިތުންނަށް ތެދު ހަދަންޖެހޭނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް ދޮގު ހަދައިގެން މިގޮތަށް މިކަންތައްތައް ކުރުމަކީ ވަރަށް ގޯސްކަމެއް ކުރަމުން އެދަނީ. އެހެންވީމަ އަޅުގަނޑު ހަމަ އެދެން މިސަރުކާރުގައި ރައްޔިތުންނަށް ދޮގުހަދައި އޮޅުވާނުލާށޭ. ރައްޔިތުންނަށް އަނިޔާނުދޭށޭ. ރައްޔިތުންނަށް ހިތާމަ ނުޖައްސާށޭ.” އާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން އާޒިމް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ފާޅުގައި ދޮގުހަދައި އަނިޔާ ދިނުމަށް ފަހުވެސް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ އިތުރަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން މިފަދަ އަނިޔާވެރި ސަރުކާރެއްގައި ހައްޤުތައް ލިބޭނީ ރައްޔިތުން މަގު މައްޗަށް ނިކުމެގެން ކަމަށް ރޭގެ ޕްރޮގްރާމްގައި އާޒިމްވަނީ ވިދާޅުވެއެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު ފްލެޓް ލިސްޓަށް މިހާތަނަށް 2843 ޝަކުވާ ވަނީ ހުށަހަޅާފައެވެ. އެއީ ތިން ކޮޓަރީގެ ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހެޅި 2079 ޝަކުވާއާއި ދެ ކޮޓަރީގެ ފްލެޓްތަކަށް ހުށަހެޅި 764 ޝަކުވާ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން