މިއަދު ގެނެސްދޭން މިއުޅެނީ ވަރަށް ތަފާތު ވާހަކައެކެވެ. ޓިކްޓޮކާއި މީސްމީޑިއާގެ އެހެނިހެން އަށިއަށީގައި މި ރޯދަމަހުގެ ތެރޭގައި ވަރަށް މަޝްހޫރުވެފައިވާ ލަވައެއް ނުވަތަ ޅެމެއްގެ ވާހަކައެވެ. މިއީ އަރަބި ބަހުން ކިޔާފައިވާ ލަވައެކެވެ. ތަފާތު އެކި މީސްމީހުންގެ އަޑުން ވަރަށް ގިނަ ބަޔަކަށް ވާނީ މި ލަވަ އަޑުއިވިފައެވެ. އެހެންނަމަވެސް އޭގެ ތެރެއިން މަޝްހޫރުވެ އާއްމުވެފައި ވަނީ އަޙްމަދު އަލްޤަޠްޢާނީގެ އަޑެވެ. އޭނާ މި ލަވަ ކިޔާފައިވަނީ މިއުޒިކާ ނުލައި މަދަހަ ކިޔާ ގޮތަށެވެ. މި ލަވައިގެ ނަމަކީ "ޞައުތު ޞަފީރިލް ބުލްބުލް" ނުވަތަ "ބުލްބުލްގެ ގޮވެލީގެ އަޑު" އެވެ. މި ރޯދަމަހު ވައިރަލްވެފައިވާ މި ލަވައަކީ ގާތްގަނޑަކަށް ހާސް އަހަރަށްވުރެ ކުރީގެ ޅެމެކެވެ.

މި ޅެމުގެ ތާރީޚު ފެށެނީ ޢައްބާސީ ދައުލަތުގެ ޚަލީފާ އަބޫޖަޢުފަރު އަލްމަންޞޫރުގެ ޒަމާނުގައެވެ. ޚަލީފާ އަބޫޖަޢުފަރު އަލްމަންޞޫރުގެ ޚަލީފާކަން ކުރެއްވީ މީލާދީން 754 އިން 775 ގެ ނިޔަލަށެވެ. އެހެންކަމުން މިއީ މީގެ 1200 އަހަރަށްވުރެ ކުރީގެ ވާހަކައެކެވެ. ޚަލީފާ އަބޫޖަޢުފަރު އަލްމަންޞޫރަކީ ވަރަށް ހިތްއަލި ބޭފުޅެކެވެ. ވާހަކައިގައި ބުނެވޭ ގޮތުގައި ޚަލީފާއަށް ޅެމެއް ނުވަތަ ވާހަކައެއް ތިން ފަހަރަށް އިވިވަޑައިގެންފިނަމަ އެމަނިކުފާނު އެ ޅެމެއް ނުވަތަ ވާހަކައެއް ހިތުދަސްކުރައްވައެވެ. އަދި މި ފަދައިން އެއްޗެހި ހިތުދަސްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އަޅު އަންހެނަކާއި އަޅު ފިރިހެންކުއްޖަކު މި ޚަލީފާ ގެންގުޅުއްވިއެވެ. އަޅު އަންހެންމީހާއަށް ދެ ފަހަރަކު އެކައްޗެއް އަޑުއިވިއްޖެނަމަ އެ އެއްޗެއް އޭނާ ހިތުދަސްކުރެއެވެ. އަދި އަޅު ފިރިހެންކުއްޖާއަށް އެންމެ ފަހަރަކު އަޑުއިވިގެން ހިތުދަސްވެއެވެ.

އެހެންވީމާ، މީގައި މި ހިމެނެނީ އެއްފަހަރު އަޑުއަހައިގެން ހިތުދަސްކުރެވޭ މީހަކާއި، ދެފަހަރު އަޑުއަހައިގެން ހިތުދަސްކުރެވޭ މީހަކާއި، އަދި ތިންފަހަރު އަޑުއައްސަވައިގެން ހިތުދަސްކުރެއްވޭ ޚަލީފާއައި ލައިގެން ތިން މީހެކެވެ. ޚަލީފާ ބޭނުންފުޅުވީ މި ކަމުގެ ފައިދާ ނަންގަވާށެވެ. އެގޮތުން އެއް ދުވަހަކު ޚަލީފާ ޚާއްޞަ އިޢުލާނެއް ކުރެއްވިއެވެ.އެމަނިކުފާނަށް މޮޅު، ހިތްޕުޅާހަމަވާ ވަރުގެ ޅެމެއް ހަދައިގެން ގެނެސް ކިޔައިދެވިއްޖެ ނަމަ އެ ޅެންވެރިޔަކަށް މޮޅު އިނާމެއް ދެއްވާނެ ކަމަށެވެ. މި އިޢުލާނާ ގުޅިގެން، ގިނަ ޅެންވެރީން ތަފާތު މޮޅު ޅެންތައް ހަދައިގެން ޚަލީފާގެ ދަރުބާރަށް ހުށައަޅަން ފެށިއެވެ. ނަމަވެސް، ކޮންމެ ފަހަރަކު ޅެންވެރިޔަކު ޅެމެއް ކިޔައި ނިމުމުން، ޚަލީފާ ވިދާޅުވަނީ އެއީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ އަދި އެމަނިކުފާނު ހެއްދެވި ޅެމެއް ކަމަށެވެ.

ޖަވާބުގައި ޅެންވެރިޔާ، އެ ޅެމަކީ ޚަލީފާގެ އިޢުލާނާ ގުޅިގެން އޭނާ ގިނަ ވަގުތުތަކެއް ހޭދަކޮށް، މިންނެތް މަސައްކަތުން އުފައްދާފައިވާ އުފެއްދުމެއް ކަމަށް ބުނެއެވެ. އެހެންނަމަވެސް، ޚަލީފާ އެ ޅެންވެރިޔާގެ ބަސް ޤަބޫލުފުޅު ނުކުރައްވައި، އެ ޅެމަކީ އެމަނިކުފާނުގެ އަމިއްލަ މަސައްކަތްޕުޅެއް ކަމަށް ވިދާޅުވެއެވެ.

މިހެން ޚަލީފާ ވިދާޅުވާ އިރު ދަރުބާރުގައި ޅެންވެރިޔާ ހުރިތާ ކައިރީގައި ހުރި ބިތްގަނޑުގެ އަނެއް ފަރާތުގައި ޚަލީފާގެ އެއްކަލަ ދެ އަޅުން ޅެންވެރިޔާގެ ޅެން އަޑުއަހަން ތިބެއެވެ. ދެން ޚަލީފާ ކުރައްވާ ކަމަކީ އެއްކަލަ އެއް ފަހަރު އަޑުއަހައިގެން ހިތުދަސްވާ އަޅު ފިރިހެންކުއްޖާ ދަރުބާރަށް ހާޒިރުކުރައްވަނީއެވެ. ދެން އޭނާ ގާތު ތިމަން މަނިކުފާނު ހެއްދެވި އެވެނި މިވެނި ޅެމެއް ކިޔާބަލާށޭ ވިދާޅުވުމުން ޅެންވެރިޔާ އޭރު އެއް ފަހަރު އިއްވި ޅެން ހަމަ ހުރި ގޮތަށް ރީއްޗަށް ކިޔައިދެއެވެ. އެއަށްފަހު ޚަލީފާ ޅެންވެރިޔައާ ދިމާއަށް މިއީ ކަލޭ ހެދި ޅެމެއް ނަމަ ތިމަން މަނިކުފާނުގެ އަޅުކުއްޖާއަށް މި ޅެން ކިޔައިދޭން އެނގުނީ ކިހިނެއްހެއްޔޭ ވިދާޅުވެއެވެ.

އޭގެ ފަހުން، ޚަލީފާ އިތުރު ހެކި ބޭނުންވޭތޯ އައްސަވާފައި، ދެފަހަރު އަޑުއިވުމުން ހިތުދަސްކުރެވޭ އަޅު އަންހެނާ ދަރުބާރަށް ހާޒިރުކުރައްވައެވެ. އެ ވަގުތު، ޅެންވެރިޔާއާއި އަޅު ފިރިހެން ކުއްޖާ ކިޔައިދިން އަޑު އަހައިގެން، އޭނާއަށް އެ ޅެން ވަނީ ހިތުދަސްވެފައެވެ. ޚަލީފާގެ އަމުރުފުޅަށް، އޭނާ އެ ޅެން އެއްވެސް ތަފާތެއްނެތި، ޅެންވެރިޔާ ކިޔައިދިން ފަދައިން ކިޔައިދެއެވެ. މި ފަހަރު ވެސް ޅެންވެރިޔާއާ ދިމާއަށް އެއީ ތިމަން ހެއްދެވި ޅެމެކޭ ވިދާޅުވީމެއް ނޫންހެއްޔޭ ވިދާޅުވުމަށް ފަހު، ޚަލީފާ އަމިއްލަފުޅަށްވެސް އެ ޅެން ފެށުނީއްސުރެ ނިމެންދެން ވިދާޅުވެއެވެ. އެހެނީ އޭރު ޚަލީފާއަށް އެ ޅެން ތިން ފަހަރުމަތިން އަޑުއިވިވަޑައިގެންފައިވީތީއެވެ.

ޚަލީފާ ކަންތައް ކުރެއްވި ގޮތުން އެންމެ ފަހުން ޅެންވެރިޔާއަށް ޖެހެނީ ހިތާދެކޮޅަށް އެއީ އޭނާ ހެދި ޅެމެއް ނޫންކަމަށް ޤަބޫލުކޮށްގެން، އިނާމުވެސް ނުލިބި މޮޅިވެރިކަމާއެކީ ދަރުބާރުން ނިކުމެގެންދާށެވެ. ޚަލީފާ އަބޫޖަޢުފަރު އަލްމަންޞޫރުގެ ދަރުބާރަށް ޅެން ކިޔަން އައި ކޮންމެ ޅެންވެރިޔަކަށް ވެސް ޖެއްސެވީ ހަމަ އެޙާލެވެ. އެކަމާ ޅެންވެރީން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

އެ ދުވަސްވަރުގައި އަބޫސަޢީދް ޢަބްދުލްމަލިކް އިބްނު ޤުރައިބް އަލްއަޞްމަޢީ އޭ ކިޔުނު ވަރަށް މޮޅު ޅެންވެރިޔަކު އުޅުއްވިއެވެ. އެކަލޭގެފާނަކީ ޢަރަބި ބަހުގެ ވެސް ވަރަށް ބޮޑު އެދުރެކެވެ. އެއް ދުވަހަކު އަލްއަޞްމަޢީއާ ޚަލީފާގެ ދަރުބާރަށް ދެވި، ކެހި ލިބިފައިވާ ޅެންވެރިޔަކާ ދިމާވިއެވެ. މި ޅެންވެރިޔާ އަލްއަޞްމަޢީއަށް ޚަލީފާގެ ދަރުބާރުގައި ކަން ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އޭނާ ރޭގަނޑު އެތައް އިރެއް ވަންދެން ހޭލައި ހުރެ ބުރަ މަސައްކަތުން ހެދި ޅެން، އޭނާ ހެދި ޅެމަކަށް ނުވެ ޚަލީފާ ހެއްދެވި ޅެމަކަށް ވީގޮތެވެ. ޚަލީފާގެ ދެ އަޅުންނާއި ޚުދު ޚަލީފާ ވެސް އެޅެން އަކުރުން އަކުރަށް ވިދާޅުވި ވާހަކައެވެ. އިތުރު މީހަކު ނެތި އޭނާ އެކަނިމާ އެކަނި ހެދި ޅެމެއް އެމީހުންނަށް އެނގުނު ގޮތަކާއި އޭގެ ސަބަބުން އޭނާއަށް ލިބުނު ދެރަނިކަމެތި ކަމުގެ މައްޗަށް ހިތްހަމަނުޖެހިފައި ހުރި ވާހަކައެވެ. ޚަލީފާގެ ދަރުބާރަށް ދިޔަ ކޮންމެ ޅެންވެރިޔަކަށް ވެސް ޖެހުނީ އެ ޙާލު ކަމެވެ. އެކުވެރި ޅެންވެރިޔާގެ މޮޅީގެ ވާހަކަ އައްސަވާފައި އަލްއަޞްމަޢީ ބުނުއްވީ އިރާދަކުރެއްވިޔާ ދެން ޚަލީފާގެ ދަރުބާރަށް ޅެމެއް ހިފައިގެން ދާނީ އެކަލޭގެފާނު ކަމުގައެވެ.

ދެން އަލްއަޞްމަޢީ ޚަލީފާއަށް އެނގިވަޑައިނުގަންނަވާނޭ ފަދަ މޮޅު ޅެމެއް ހައްްދަވަންފެއްޓެވިއެވެ. އޭނާ ހެއްދެވި ޅެމުގައި ދޫފުރޮޅިތަކާއެކީ ސިކުނޑިއަށް ފަސޭހައިން ނަގައިގަންނަން އުނދަގޫވާ ފަދަ ގޮތަކަށް ބަސްތައް އަތުރުއްވައި އެމުނުއްވިއެވެ. މިގޮތުން އޭނާ ހެއްދެވީ އެއް ފަހަރަ އަޑުއަހައިގެން ހަނދާންކުރަން އުނދަގޫވާނޭ ފަދަ މޮޅު ޅެމެކެވެ. ކޮންމެއަކަސް މި ޅެން ހައްދަވައިގެން ރަނގަޅަށް ދަސްކުރައްވައިގެން އެކަލޭގެފާނު ޚަލީފާގެ ދަރުބާރަށް ދުރުވިއެވެ. އަދި ވަރަށް މޮޅު ޅެމެއް ހައްދަވައިގެން ހުށައަޅުއްވައި ޚަލީފާގެ އަތްޕުޅުން އިނާމު ލިބޭތޯ ހުންނެވި ވާހަކަ ބުނުއްވިއެވެ. ދެން ޚަލީފާ އެމަނިކުފާނުގެ ވަޒީރަށް ދަންނަވާފައި އެއްކަލަ އަޅުން ބިތްގަނޑުގެ އަނެއް ފަރާތުގައި ބޭއްތިއްބުމަށް އެންގެވިއެވެ. އެކަން ކުރެއްވީ އަލްއަޞްމަޢީއަށް އެނގިނުލައްވާނޭ ފަދަ ގޮތަކަށެވެ. ދެން ޚަލީފާ ޅެން ހުށައެޅުއްވުމުގެ އިޒުނަފުޅު ދެއްވުމުން އަލްއަޞްމަޢީ ޅެން ކިޔުއްވާން ފެއްޓެވިއެވެ.

صـوت صــفير البلبل

هيج قـــلبي الثمــلي

المـــــــاء والزهر معا

مــــع زهرِ لحظِ المٌقَلي

و أنت يا ســـــــــيدَ لي

وســــــيدي ومولي لي

فكــــــــم فكــــم تيمني

غُـــزَيلٌ عقــــــــــيقَلي

قطَّفتَه من وجـنَةٍ

من لثم ورد الخـجلي

فـقال لا لا لا لا لا

وقد غدا مهرولي

والخوذ مالت طربا

من فعل هذا الرجلي

فولولت وولولت

ولي ولي يا ويللي

فقلت لا تولولي

وبيني اللؤلؤ لـي

قالت له حين كـذا

انهض وجد بالنقلي

وفتية سقونني

قهوة كالعسللي

شممتها بانافي

أزكـى من القرنفلي

في وسط بستان حلي

بالزهر والسرور لي

والعود دندن دنا لي

والطبل طبطب طب لـي

طب طبطب طب طبطب

طب طبطب طبطب طب لي

والسقف سق سق سق لي

والرقص قد طاب إلي

شـوى شـوى وشـاهش

على ورق سفرجلي

وغرد القمري يصــيح

ملل فــي مللي

ولو تراني راكبا

علـى حمار اهزلي

يمشي على ثلاثة

كمــشية العرنجلي

والناس ترجم جملي

في السوق بالقلقللي

والكل كعكع كعِكَع

خلفي ومن حويللي

لكــن مشيت هاربا

من خشية العقنقلي

إلى لقاء مـلك

مـعظم مبجلي

يأمر لي بخلعة

حمراء كالدم دملي

اجر فيها ماشيا

مبغـددا للذيلي

انا الأديب الألمعي من

حي أرض الموصلي

نظمت قطـعازخرفت

أيعجز عنها الأدبلي

أقول في مطلعها

صوت صفير البلبلي



އަލްއަޞްމަޢީ މި ޅެން ހުށައަޅުއްވަމުން ގެންދެވި އިރު ބިތްގަނޑުގެ އަނެއް ފަރާތުގައި ތިބި ޚަލީފާގެ ދެ އަޅުން ދިޔައީ އެކަލޭގެފާނު ކިޔުއްވާ އެއްޗަކާމެދު ވަރަށް ވިސްނުންތެރި ކަމާއެކު ކަނުލައި، އަޑުއަހައި ދަސްކުރެވޭތޯ ބަލަމުންނެވެ. ކޮންމެއަކަސް ޅެން ކިޔުއްވައި ނިމުނީމާ އެހެން ޅެންވެރިންނާ މެދު ކަންތައް ކުރެއްވި ފަދައިން ތިއީ ތިމަން އައްސަވާފައިވާ ޅެމެއް ކަމަށް ޚަލީފާ ވިދާޅުވިއެވެ. އަދި އެއްފަހަރު އަޑުއަހައިގެން ހިތުދަސްވާ އަޅު ފިރިހެންކުއްޖާ ހާޒިރުކުރައްވައި އަލްއަޞްމަޢީ ހުށައެޅުއްވި ޅެން ކިޔުމަށް އަމުރުކުރެއްވިއެވެ. އެ އަޅުކުއްޖާ އެ ޅެން ކިޔޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކުށްޖެހި ކުރިޔަށް ދެވޭ ގޮތެއް ނުތްވެވެ.

ދެން ޚަލީފާ އެކަމާ ވަރަށް ކަންބޮޑުވެވަޑައިގެންފިއެވެ. އަދި މިވީ ކިހިނެއްބާއޭ ހިތްޕުޅަށް އަރައިވަޑަގަތެވެ. ފަހަރެއްގައި އަޅު އަންހެނާއަށް އެނގިދާނެއޭ ހިތްޕުޅަށް އަރައިވަޑައިގެން އޭނާ ވެސް ހާޒިރުކުރެއްވިއެވެ. ނަމަވެސް އޭނާއަކީ ދެފަހަރު އަޑުއިވިގެން މެނުވީ އެއްޗެއް ހިތުދަސްވާ މީހަކަށް ނުވާތީ އޭނާއަކަށް ވެސް އެ ޅެން ކިޔާކަށް ނޭނގުނެވެ. އަދި ޚަލީފާއަކީ ތިން ފަހަރު އަޑު އިވިވަޑައިގެން މެނުވީ ހިތުދަސްކުރެއްވޭ ބޭފުޅަކަށް ނުވާތީ ޚަލީފާއަކަށް ވެސް އެ ޅެން ވިދާޅުވާކަށް އެނގިވަޑައެއްނުގަތެވެ.

އަލްއަޞްމަޢީގެ ޅެމާއިމެދު ހިތްޕުޅާނުވެ ހުންނެވި ޙާލު ޚަލީފާ އެންމެ ފަހުން އޭނާއަށް އޭގެ އިނާމު ދެއްވަން ގަސްދުކުރެއްވިއެވެ. އަދި އިނާމެއްގެ ގޮތުން އަލްއަޞްމަޢީ އެ ޅެން ލިޔުއްވާފައިވާ އެއްޗެއްގެ ބަރުދަނަށް ރަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. މިކަމުގައި ވެސް އަލްއަޞްމަޢީ ހައްދަވާފައި އޮތީ ވަރަށް މޮޅު ގޮތެކެވެ. އޭނާ އެ ޅެން ކަނޑައި ނެންގެވީ ބޮޑު ހިލަ ތަނބެއްގައެވެ. އެންމެ ފަހުން ޚަލީފާއަށް ޖެހިވަޑައިގަތީ އޭގެ ބަރުދަނަށް ރަން ދެއްވާށެވެ.

މި ވާހަކައިގެ ތަފާތު ރިވާޔަތްތައް ވެއެވެ. މިގޮތުން އެހެން ރިވާޔަތެއްގައި ވާ ގޮތުން އަލްއަޞްމަޢީ ޚަލީފާގެ ދަރުބާރަށް ޙާޒިރުވެލެއްވީ ކާކުކަން ނޭނގޭ ގޮތަށް ހެދުންއަޅުއްވައިގެން ބަދަވީއެއް ކަމުގައި ހެއްދެވިގެންނެވެ. ތަނބުގެ ބަރުދަނަށް ރަން ދެއްވި ފަހުން ޚަލީފާގެ ވަޒީރަށް އެއީ އަލްއަޞްމަޢީކަން އެނގިލައްވައިގެން މޫނު ނިވާކުރައްވާފައިވާ ފޮތިގަނޑު ނެންގެވިއެވެ. އެހިނދު ޚަލީފާ އެމަނިކުފާނު ދެއްވި ރަންތަައް އަނބުރައި ދެއްވަން އަލްއަޞްމަޢީއަށް އަމުރުކުރެއްވިއެވެ. ނަމަވެސް އަލްއަޞްމަޢީ ބުނުއްވީ އެ ރަންތަައް ދޭނީ ޝަރުޠެއްގެ މަތީން ކަމަށެވެ. އެ ޝަރުޠަކީ ކޮބައިތޯ އެއްސެވުމުން ބުނުއްވީ ޚަލީފާގެ ދަރުބާރަށް ހާޒިރުވެ ކެހި ލިބުނު ޅެންވެރީންނަށް އެމީހުންނަށް ހައްގުވާ އިނާމު ދިނުމެވެ. ދެން ޚަލީފާ އެކަމަށް އެއްބަސްވެވަޑައިގެންނެވިއެވެ.

މި ވާހަކައިގެ ޞައްޙަކަމާމެދު ބައެއް މީހުން ސުވާލު އުފައްދައެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން މިއީ މީގެ ގާތްގަނޑަކަށް 1200 އަހަރު ކުރިން ހަދާފައިވާ ޅެމެކެވެ. މިހާރު މި ޅެން މަޝްހޫރުވެގެން ދިޔައީ މިފަހުން އަޙްމަދު އަލްޤަޠްޢާނީގެ އަޑުން ކިޔާފައިވާ ކިޔުމަކުންނެވެ. އަދި ޓިކްޓޮކްގައި ގިނަ ބަޔަކު މި ލަވަ ބޭނުންކޮށް، މިލަވައިގައި ހުންނަ ދޫފުރޮޅިތަކާއި، ފަށްކުރުންތަކާއި، އެމުނުންތައް ހުރި ގޮތުން ވައިރަލްވީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން