ބާލީސް އުރަތައް، ފޮޓޯ: ގޫގުލް
ބާލީސް އުރަތައް، ފޮޓޯ: ގޫގުލް
ނިދަން ގެންގުޅޭ ބާލީސް އުރައިގައި ފާހާނާ ތައްޓެއްގައި ހުންނަ ވަރަށްވުރެ ގިނަ ޖަރާސީމު ހުންނަ ކަން އެނގޭތަ؟ ދާދި ފަހުން ހެދި ދިރާސާއަކުން މިވަނީ މިކަން ހޯދިފައެވެ.

ނޭޝަނަލް ސްލީޕް ފައުންޑޭޝަނުން ނެރުނު ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ ހަފްތާއެއް ވަންދެން ނުދޮވެ ހުންނަ ބާލީސް އުރަތަކުގައި ފާހާނާ ތައްޓެއްގައި ހުންނަ ވަރަށް ވުރެ ގިނަ ޖަރާސީމު ހުންނަ ކަމަށެވެ. އެގޮތުން ހަފްތާއެއްގެ ތެރޭގައި ފާހާނާ ތައްޓެއްގައި ހުންނަ ވަރަށް ވުރެ 17،000 ގުނަ އިތުރަށް ޖަރާސީމު ބާލީސް އުރައިގައި އުފެދޭ ކަމަށް ދިރާސާއިން ވަނީ ހޯދިފައެވެ.

މިކަން މިހެން ވަނީ އިންސާނާގެ ހަށިގަނޑުން އުފެދޭ ދަލާއި، އަދި މާހައުލުގައި ހިމެނޭ ޖަރާސީމުތަކުގެ ސަބަބުން ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ބައެއް ފަހަރު ބޭރުގައި އުޅެފައި އައިސް ފެންނުވަރާ އެނދުގައި އޮށޯތުމުން އެ ޖަރާސީމުތައްވެސް ބާލީސް އަދި ބެޑް ޝީޓަށް ފެތުރޭ ކަމަށް ރިޕޯޓުގައި ވެއެވެ.

އެގޮތުން ބާލީސް އުރައިން އާންމުކޮށް ފެންނަ ޖަރާސީމުތަކުގެ ތެރޭގައި ގްރާމް ނެގެޓިވް ރޮޑު، ގްރާމް ޕޮޒިޓިވް ރޮޑު، ބެދިލައި އަދި ގްރާމް ޕޮޒިޓިވް ކޮކައި ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. މީގެ ތެރެއިން ބައެއް ޖަރާސީމުތަކަކީ އެހާ ގެއްލުންހުރި އެއްޗެެއްސަށް ނުވީނަމަވެސް، ބައެއް ޖަރާސީމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންވާފަދަ އިންފެކްޝަންތައް ކުރިމަތިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

މިިގޮތަށް ބާލީސް އުރަ އަދި ބެޑްޝީޓު ނުދޮވެ ބޭނުން ކުރާނަމަ އިންސާނާގެ ހަށިގަނޑު ތަފާތު އެކިކަހަލަ ޖަރާސީމުތަކަށާއި، ވައިރަސްތަކުގެ އިތުރުން ފަންގައި ތަކަށް ހުށަހެޅެއެވެ. އަދި އޭގެ ސަބަބުން ހަމުގެ މައްސަލަތަކާއި އެނޫންވެސް ސިއްހީ އެހެން މައްސަލަތައް ކުރިމަތި ވެއެވެ. ވީމާ މަދުވެގެން ހަފްތާއަކު އެއް ފަހަރު ބެޑް ޝީޓު ދޮވުމަކީ މުހިންމު ކަމެކެވެ. އަދި ކޮންމެ ދެ ހަފްތާއަކުން މި އެއްޗެހި ބަދަލު ކުރުމަކީވެސް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން