ފާހާނާގައި ބަހައްޓާފައިވާ ދަތްއުނގުޅާ ބުރުސްތައް
ފާހާނާގައި ބަހައްޓާފައިވާ ދަތްއުނގުޅާ ބުރުސްތައް
ދަތް އުނގުޅާ ބުރުހަކީ އަނގައިގެ ސާފުތާހިރުކަމުގައި ބޮޑު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އެހެންނަމަވެސް، މިއީ ޖަރާސީމުތައް އުފެދުމަށް ވަރަށް ރަނގަޅު މާހަކައުލެކެވެ. ހާއްސަކޮށް މީހާއަށް އަރިދަފުސް ރޯގާ ފަދަ މައްސަލައެއް ދިމާވެފައިވާނަމަ، އެ ބުރުހުގައި ޖަރާސީމު ހުންނަ ވަރު އިތުރުވެއެވެ.

ރޯގާ ރަނގަޅު ވުމަށްފަހު ދަތް އުނގުޅާ ބުރުސް ބަދަލު ކުރުމަކީ ގިނަ މީހުން ކުރާ ކަމެއް ނޫނެވެ. މިކަމުގެ މުހިންމު ކަމެއް މުޖްތަމައުގެ ގިނަ މީހުންނަކަށް ނޭނގެއެވެ. ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓެއްގައި ބުނެފައި ވަނީ، ކެއްސުން ނުވަތަ ރޯގާ ފަދަ ބައްޔެއް ޖެހުމަށްފަހު، އެ ބަލިން ރަނގަޅު ވުމާއެކު ބުރުސް ބަދަލު ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއްކަމަށް ދިރާސާތަކުން ހޯދިފައިވާ ކަމަށެވެ.

މި ދިރާސާއިން ހޯދިފައިވާ ގޮތުގައި މީހާ ބަލިވެ އުޅޭއިރު ހަަށިގަނޑުގައި ހުންނަ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތް ކޮށް، އެ އެއްޗެހި ހަށިގަނޑުން ބޭރު ކުރަން ދިފާއީ ނިޒާމުން މަސައްކަތް ކުރެއެވެ. އަދި މިގޮތަށް ހަަށިގަނޑުން ބޭރުވާ ޖަރާސީމުތައް މާހައުލުގައި، އަދި ހާއްސަ ކޮށް ބުރުހުގައި ހަރުލާ ކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ.

އާންމު ގޮތެއްގައި އަޅުގަނޑުމެންގެ ބުރުސަތައް ބަހައްޓާފައި ހުންނަނީ ފާހާނަގައެވެ. އެހެންވެ، ފާހާނާގައި ފިނި ހޫނުމިން ހުންނަ ގޮތުން އެ ބުރުހުގައި ހަރުލާފައި ހުންނަ ޖަރާސީމުތައް އާލާވުމަށް މާހައުލެއް އުފެދި، އެ އެއްޗެހި އާލާވެ އިތުރުވެގެން ދާކަމަށް ދިރާސާއިން ވަނީ ހޯދިފައެވެ.

އަދި އެހެންވެ، ބަލި ރަނގަޅު ވުމަށްފަހުވެސް ހަމަ އެ ބުރުސް ބޭނުން ކުރާނަމަ އެކަމުގެ ސަބަބުން އަނެއްކާވެސް ހަށިގަނޑު އެ ބައްޔަށް ހުށަހެޅިގެންދާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ބުރުސް އެހެން މީހުންގެ ބުރުހާއެކު ބަހައްޓާނަމަ ޖަރާސީމުތައް އެ އެއްޗެއްސަށް ފެތުރި، އެހެން މީހުންވެސް ބައްޔަށް ހުށަހެޅިގެންދާ ކަމަށް ރިޕޯޓުގަައި ވެއެވެ.

ވީމާ ބަލިން ރަނގަޅު ވުމަށްފަހު ދަތް އުނގުޅަން ބޭނުން ކުރާ ބުރުސް އާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ބަލި ނުވިނަމަވެސް ގިނަ ވެގެން ކޮންމެ 3 މަހަކުން ބުރުސް ބަދަލު ކުރަން ޖެހޭ ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ. ވީމާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކަައި މިއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން