އަހުޒަމް އަޙްމަދު   6 އޭޕްރީލު 2025 - 17:2
އޮޅުހިޔާއަށް ގެންދިޔަ ބުޅަލެއް--
އޮޅުހިޔާއަށް ގެންދިޔަ ބުޅަލެއް--
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލޭ ސިޓީ ކައުންސިލުން ގާއިމުކުރި ޕެޓް ކެއާ ފެސިލިޓީ ނުވަތަ އޮޅުހިޔާ އަށް އަދި ގެންދިޔައީ އެންމެ 30 ބުޅާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ.

އޮޅުހިޔާ ހުޅުވީ މިދިޔަ ނޮވެންބަރު މަހު އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ބުޅާތައް އެ ފެސިލިޓީއަށް ބަދަލުކުރަން މިދިޔަ ޑިސެންބަރު މަހު މާލޭ ސިޓީ ކައުންސިލުން މަސައްކަތްކުރި އެވެ.

އެހެން ނަމަވެސް އެ ފެސިލިޓީގައި ކަންކަން ފުރިިހަމަ ނުވާކަމަށް ބުނެ އެކަން ނުކުރަން އެނިމަލް މިނިސްޓްރީން އެންގުމަށް ފަހު އެތަން ސީދާ މިނިސްޓްރީއާ ހަވާލުކުރަން ވެސް ފަހުން އެންގި އެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު މިނިސްޓްރީން ބުޅާ ފެސިލިޓީއާ ހަވާލުވުމަށް ފަހު މަގުތަކުން ބުޅާތައް ނަގައި އޮޅުހިޔާއަށް ގެންދަން އޮތީ ފަށާފަ އެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު އެކްސްގައި ބުނީ ނިމިގެން ދިޔަ އީދު ބަންދުގެ ތެރޭގައި 15 ބުޅާ އޮޅުހިޔާއަށް ގެންދިޔަ ކަމަށެވެ. އަދި އެެއާއެކު އޮޅުހިޔާއަށް މިހާތަަނަށް 30 ބުޅާ ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

"މީގެ އިތުރުން، ފެސިލިޓީއަށް މަދުވާ ސާމާނުތަކާއި ބުޅާ ބަހައްޓާނެ ކޮށިތައް ރަނގަޅުކޮށް އިތުރަށް ބުޅާ ގެނައުމުގެ މަސައްކަތް ކުރިޔަށް އެބަދެ އެވެ." މިނިސްޓްރީން އިތުރަށް ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން އޮޅުހިޔާ މިނިސްޓްރީއާ ހަވާލުކުރީ އެތަން ހަދަން ހޭދަވި ހަރަދު ދޭ ގޮތަށެވެ.

އޮޅުހިޔާގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ހަދާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން