ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހް
ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހް
އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބޭކާރު ޤަރާރު ހުށައަޅައި މަޖިލީހުގެ ވަގުތު ބޭކާރު ކުރަމުންދާތީ، ޤަރާރު ހުށައެޅުން ދަތިކުރުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޚިޔާލެއް ހުށައަޅުއްވައިފިއެވެ.

ފަލާހް މި ޚިޔާލް ހުށައެޅުއްވީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދު މަޖިލީހަށް މިއަދު ހުށައެޅުއްވި ގަރާރުގެ ބަހުސްގައެވެ.

އެގޮތުން ފަލާހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރަން ފެށުމުގެ ކުރިން ގަރާރަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް ވޯޓަށް އަހަން މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން ފެންނަ ކަމަށެވެ. ހަމައެއާއެކު އެއީ ޚިޔާލެއް ކަމަށާއި އެގޮތަށް ހުށައަޅުއްވަނީ އެމްޑީޕީން ތާކުންތާކު ނުޖެހޭ ބޭކާރު ގަރާރުތައް ހުށަހަޅައިގެން މަޖިލީހުގެ ވަގުތު ބޭކާރު ކުރާތީ ކަމަށެވެ.

“ހަމަ ކުއްލި މައްސަލައެކޭ އެއްގޮތަށް ގަރާރަށް ވެސް މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން. އެ ގަރާރެއް ހުށަހަޅާފައި މި މަޖިލީހުގައި އަޅުގަނޑުމެން އިއްޒަތްތެރި މެންބަރުންނަށް އެ ގަރާރަށް ބަހުސްކުރަން ފެނޭތޯ ބެލުމަށް ފަހު ބަހުސަކަށް ދިއުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށް މުހިއްމު ކަމެއް.” ފަލާހް ވިދާޅުވިއެވެ.

ހަމައެއާއެކު ފަލާހް ވިދާޅުވީ ރައްޔިތުން އެމީހުންގެ މަންދޫބުންތަކެއް މަޖިލީހަށް ފޮނުވާފައިވަނީ ދާއިރާގެ ރައްޔިތުން އެދޭ ގޮތަށް، ދާއިރާގެ ތަރައްގީއާ ގުޅޭ މަސައްކަތްތައް ސަރުކާރާ ގުޅިގެން ކުރަން ކަމަށެވެ. އެހެންކަމުން ބޭކާރު ކަންކަމަށް މަޖިލީހުގެ ވަގުތު ހޭދަކުރެވެން ނޯންނާނެކަމަށް ފަލާހް މިއަދު ވިދާޅުވިއެވެ.

ފަލާހްގެ ޚިޔާލަށް ޕީއެންސީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލްވެސް މިއަދުވަނީ ތާޢީދު ކުރަށްވާފައެވެ.

މަޖިލީހުގެ ގަވައިދުގައި މިހާރު އޮންނަ ގޮތުން މަޖިލީހަށް ހުށައަޅާ ގަރާރުތަކުގެ މައްޗަށްވެސް ހިނގާނީ ބިލުތަކުގެ މައްޗަށް ހިނގާ އުސޫލެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން