ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
އެމްއެމްއޭ އިން 15 ބިލިއަން ރުފިޔާ ޗާޕް ކުރާކަމަށް ތުހުމަތުކޮށް އެމްޑީޕީން މަޖިލީހަށް މިއަދު ހުށައެޅި ޤަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ މި ޤަރާރު މަޖިލީހަށް ހުށައެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ވަނީ އެމްއެމްއޭއިން ފައިސާ ޗާޕު ކުރުމުން ދައުލަތާއި ރައްޔިތުންގެ މާލީ ކަންކަން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ފައިސާ ޗާޕު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ހޯދުމަށް ޝަމްހީދުގެ ގަރާރުގައި ގޮވާލައްވާފައި ވެއެވެ

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުން އެ ގަރާރު ބޭރުކޮށްލީ 46 މެންބަރުންގެ ވޯޓާ އެކުއެވެ. އަދި ގަރާރު ބަލައިގަތުމަށް އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވިދާޅުވެފައިވަނީ އެމްއެމްއޭއިން ފައިސާ ޗާޕްކުރަނީ ހުޅުމާލެއިން ބިން ގަތުން ނިވާފަތްގަނޑަކަށް ހަދައިގެން ކަމަށެވެ. އަދި މިއީ އިގްތިސާދުގެ ހަމަޖެހުން ނަގާލައި އިގްތިސާދަށް އިއާދަ ނުކުރެވޭ ދާއިމީ ގެއްލުމެއް ދޭނެ ޣައިރު ޒިންމާދާރު އަމަލެއް ކަމަށް އެމްޑީޕީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޕީއެންސީގެ މެންބަރުން މިއަދު ވިދާޅުވީ އެމްޑީޕީން ކުރަމުންދަނީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށާއި ފައިސާ ޗާޕް ކުރުމަށް ސަރުކާރުން ނޫޅޭ ކަމަށެވެ.

އެމްއެމްއޭއިން ހުޅުމާލެއިން ބިންގަތުމަށް މަސައްކަތް ކުރަމުންދާއިރު ހުޅުމާލެއިން ބިން ގަތުމައިގެން ކުރިއަށް ނުދާން އެމްއެމްއޭ އާއި ސަރުކާރަށް އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި މިކަން ނުކުރެވޭ ނަމަ އެމްއެމްއޭގެ ބޯޑު މެންބަރުން އިސްތިއުފާ ދިނުމަށް ވެސް އެމްޑީޕީން ގޮވާލާފައިވެއެވެ.

އެމްޑީޕީން އެގޮތަށް ގޮވާލިފަހުން އެމްއެމްއޭގެ ބޯޑުގެ 3 މެންބަރަކު އިސްތިއުފާ ދެއްވާފައިވެއެވެ.

އެމްއެމްއޭއިން ހުޅުމާލެއިން ބިންގަންނަން އުޅޭ މައްސަލާގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް މީގެކުރިން ވިދާޅުވެފައިވަނީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަކީ ފައިސާ ޗާޕުކުރުން ކަމަށެވެ.

މީގެކުރިން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ފައިސާ ޗާޕުކުރުމަކީ ޝޯޓްކަޓެއް ކަމަށާއި އެއީ އިހްލާސްތެރި މަގު ނޫން ކަމަށްވެސް ރައީސް މުޢިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން