ޣައްޒާއާ ދެކޮޅަށް ނިރުބަވެރި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ޖަރީމާތައް ހިންގިކަމަށް ބުނެ އިނގިރޭސިވިލާތަށް ނިސްބަތްވާ ދިހަ މީހެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ވަކީލުންތަކެއް ވެގެން މި ތުހުމަތުތައް ކޮށްފައިވަނީ ސީދާ ކޮން ބައެއްގެ މައްޗަށްކަން އަދި މީޑިޔާއަށް ހާމަކޮށްފައިނުވެއެވެ. ނަމަވެސް އެގައުމަށް ނިސްބަތްވާ ދިހަ މީހުންގެ މައްޗަށް ތުހުމަތުތައްކޮށް އެމީހުންގެ މައްސަލަ ކޯޓަށް ހުށައަޅާފައިވާ ކަމަށް މި މައްސަލަ ހުށައެޅި ވަކީލުންގެ ޓީމުގައި އިސްކޮށް ހަތަކާތްތެރިވާ މައިކަލް މެންސްފީލްޑް އާއި އޭނާގެ ހޭގްގެ ޓީމުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މައިކަލް މެންސްފީލްޑް އާއި ހޭގްގެ އެހެން ވަކީލުން ވަނީ 240 ޞަފްޙާގެ ރިޕޯޓެއް އެކުލަވާލާފައެވެ. މި ރިޕޯޓަކީ ފަލަސްތީނުގެ ސެންޓަރ ފޯ ހިއުމަން ރައިޓްސް (ޕީސީއެޗްއާރު) އާއި އިނގިރޭސިވިލާތުގެ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ގެ ފަރާތުން ހޯމަ ދުވަހު ހުށަހަޅާފައިވާ ރިޕޯޓެކެވެ.

މި ރިޕޯޓުގައިވާގޮތުން އިނގިރޭސިވިލާތަށް ނިސްބަތްވާ ދިހަ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ހަނގުރާމައިގެ އެކި ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ އިތުރުން މީހުން ގަސްތުގައި މެރުމުގެ ތުހުމަތެވެ. އަދި ގަދަކަމުން ޣައްޒާގެ ރައްޔިތުން އެމީހުންގެ ގެތަކުން ނެރުމާއި ކުޑަކުދިންނާއި އަންހެނުންނަށް ބެލުމެއް ނެތި މެރުން ވެސް ހިމެނެއެވެ.

ބޭރުގެ ބައެއް މީޑިޔާތަކުން ބުނާ ގޮތުގައި މި ރިޕޯޓުގައި ބޮޑެތި ޖަރީމާތަކުގައި މި ދިހަމީހުން ބައިވެރިވެފައިވާ ކަމުގެ ތަފްސީލީ، ފުރިހަމައަށް ދިރާސާކޮށްފައިވާ އަދި ވަރުގަދަ ހެކިތައް ވަނީ ހާމަކޮށްފައެވެ. މި ދިހަ މީހުންގެ ތެރެއިން ބައެއް މީހުންނަކީ އިސްރާއީލުގެ ރަށްވެހިކަންވެސް ތިބި މީހުންނެވެ.

މި ރިޕޯޓާ ގުޅިގެން ގިނަ ބަޔަކު އިސްރާއީލަށް އޮތް ރުޅިވެރިކަން އިތުރަށް ހާމަކޮށް ޣައްޒާގެ ދިފާއުގައި އަޑުއުފުލާ މިންވަރު އިތުރުކުރަމުންކަން ފާހަގަ ކުރެވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށިފަހުން ފަލަސްތީނުގެ 50،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން