ނިއު ޔޯކުގައި ހުންނަ ބްރޮކްސް ޒޫގައި އޮތް މިނިކާވަގެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ހާމަކޮށްފިއެވެ.

ބްރޮންކްސް ޒޫގައި ޖަނަވާރުންގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ޕޯލް ކޯލް ވިދާޅުވީ މިއީ ވަލު ޖަނަވާރެއް މި ބައްޔަށް ޕޮޒިޓިވްވެފައިވާ ފުރަތަމަ ފަހަރުކަމަށާއި، ނާދިޔާ ނަމަކަށް ކިޔާ މި މިނިކާވަގަށް ކޮރޯނާވައިރަސް ޖެހިފައިވަނީ ޒުލުގައި މަސައްކަތްކުރާ، ބަލީގެ އަލާމާތެއް ނުފެންނަ މީހެއްގެ ފަރާތުންކަމަށް ލަފާކުރެވޭކަމަށެވެ. މާރޗް 16 ވަނަ ދުވަހުން ފެށިގެން މި ޒޫ ވަނީ އާންމުންނަށް ބަންދުކޮށްފައެވެ.

އޮޅުކޮށްގެން ގެންގުޅޭ ބާވަތުގެ ޖަނަވާރު ކޯވިޑް-19 އަށް މީގެކުރިން ވެސް ޕޮޒިޓިވް ވެފައި އެބަހުއްޓެވެ. އެގޮތުން ހޮންގް ކޮންގްގައި ކުއްތާގެ ދެވައްތަރުކަމަށްވާ ޕޮމެރޭނިއަންއަކާއި ޖާމަން ޝެޕަޑެއްގެ ގައިން ބަލި ފެނިފައިވާއިރު، ބެލްޖިއަމުން ބުޅަލެއްގެ ފަރާތުންވެސް މި ބަލި ފެނިފައިވެއެވެ.

ކޯލް ބުނެފައިވާ ގޮތުގައި ހިކި ކެއްސުން ކެއްސާތީ މިނިކާވަގު ނާދިޔާ ވައިރަހަށް ޓެސްޓުކުރީ އޭޕްރިލް 2 ވަނަ ދުވަހުއެވެ. އަދި ނާދިޔާގެ އާއިލާގެ އިތުރު 2 މިނިކާވަގަކާއި، އެފްރިކާގެ 3 ސިންގާގެ ފަރާތުންވެސް މިކަހަލަ އަލާމާތްތަކެއް ފެނިފައިވާކަމަށާއި، ނަމަވެސް އެ ޖަނަވާރުތައް މި ވައިރަހަށް ޓެސްޓުކޮށްފައި ނުވާކަމަށް ކޯލް ބުނެފައިވެއެވެ.

އެމެރިކާއަކީ ކޯވިޑް-19 އެންމެ ބާރުމިނުގައި ފެތުރެމުންދާ ގައުމެވެ. އެގައުމުން މިބައްޔަށް 336,907 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި 9,624 މީހަކު ބަލީގައިވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން