މަޑުލު މުޙައްމަދު ވަޙީދު
މަޑުލު މުޙައްމަދު ވަޙީދު
ދިވެހި އަދަބިއްޔާތައް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވެއްޖެއެވެ.

މަޑުލު ވަޙީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަދުވަސްތަކަކަށް ފަހު އައިޖީއެމްއެޗްގެ އައިސީޔޫގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 77 އަހަރެވެ.

މަޑުލު މުޙައްމަދު ވަޙީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 ޑިސެންބަރު 1966 ގައެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުއްތިޖާރާ (ށ)ގެ އިނގިރޭސި ކާތިބުކަމެވެ. އަދި އެންމެފަހުން އަދާކުރެއްވި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަޤާމެވެ. ސަރުކާރުގެ ޚިދުމަތުގައި ވަޙީދު 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެއެވެ.

މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވަޙީދަށް ލިބިވަޑައިގެންފައިވެއެވެ.

އަދި 1997 ވަނަ އަހަރު ކުރު ވާހަކަ ލިޔުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ވަޙީދު ޙާޞިލުކުރައްވާފައިވެއެވެ.

ހަމައެއާއެކު މަޑުލު މުޙައްމަދު ވަޙީދަށް ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ. އޭގެ އިތުރުން ވަޙީދަކީ ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަން 2019 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ފަރާތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން