އިންޑިޔާގެ ފިލްމީތަރި ސުޝާންތު ސިންގ ރާޖްޕުތުގެ ކުއްލި މަރާއި ގުޅިގެން ހިނގަމުންދާ ތަހުގީގުތަކުން މިކަމާ ގުޅުން ހުރި މަސްތުވާ ތަކެތީގެ މައްސަލަ ތަކެއް ފެންމަތިވެ އިންޑިޔާގެ ފިލްމީ ތަރި ރިއާ ޗަކްރަބޮތީ ހައްޔަރު ކޮށްފިކަމަށް ވިއޯ ނިއުސްއިން ހާމަކޮށްފިއެވެ.

އިންޑިޔާގެ ނާކޮޓިކްސް ކްރައިމް ބިއުރޯ އިން ރިއާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގަތުމާއި ބޭނުންކުރުމުގެ ތުހުމަތުގައެވެ.

ވިއޯ ނިއުސްގެ ރިޕޯޓުގައި ބުނާގޮތުން ރިއާ ގެ އިތުރުން މިމައްސަލަ އާއި ގުޅިގެން މިދިޔަ ހަފުތާގައި ރިއާގެ ބޭބެ ޝޯވިކް ޗަކްރަބޮތީ އާއި ފިލްމީތަރި ސުޝާންތު ސިންގ ރާޖްޕޫޓް ގެ މެނޭޖަރު ސަމުއެލް މިރަންޑާވެސް ވަނީ ހައްޔަރުކޮށްފައެވެ. މިމީހުން ހައްޔަރު ކޮށްފައިވަނީ އިންޑިޔާގެ ނާކޮޓިކްސް ކްރައިމް ބިއުރޯއިން އެމީހުންގެ ގެތައް ބަލައި ފާސްކުރުމަށްފަހު ލިބުނު ހެއްކާއެކުކަމަށްވެއެވެ.

ސުޝާންތު ސިންގ ރާޖްޕޫތުގެ ކުއްލި މަރުގެ ތުހުމަތު މިހާރު ކުރެވޭ އެކަކީ ރިއާ ޗަކްރަބޮތީ އެވެ. މިމައްސަލައިގައި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ދާކަމަށްވެސް ވިއޯ ނިއުސް ބުނެފައިވެއެވެ. އެކި ރިޕޯޓު ތަކުގައި އާންމު ކޮށްފައިވާ ގޮތުން ރިއާ ޗަކްރަބޮތީގެ މެޑިކަލް ޓެސްޓް ހަދައި ތަހުގީގަށް ބޭނުންވާ އިތުރު ހެކި ހޯދުމުގެ މައްސަކަތް ކުރުމަށްފަހު، ބުރާސްފަތި ދުވަހު ކޯޓުގައި އަޑުއެހުމެއް ބާއްނާނެ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

އިންޑިޔާގެ ފިލްމީތަރި ސުޝާންތު ސިންގ ރާޖްޕޫތުގެ ކުއްލި މަރާއި ގުޅޭ ތަހުގީގުތައް ކުރިއަށްދަނީ އިންޑިޔާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އާއި އިންޑިޔާގެ ނާކޮޓިކްސް ކްރައިމް ބިއުރޯއާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން