މާލޭގައި މިރޭ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ ގާތްގަނޑަކަށް 11:30 ހާއިރު، މާލޭގެ ކުރިކީލަމަގުގައި ހުންނަ ގެއެއްގެ ކައިރީގައެވެ. މަންޒަރު ދުށް ފަރާތްތަކުން ރަސްއޮންލައިނަށް ދިން މަޢުލޫމާތުގައި، ހަމަލާގެ ޝިކާރައަކަށްވެފައިވަނީ ނޭޕާލްގެ ފިރިހެނެއް ކަމަށް ބުނެފައިވެއެވެ.

ހާދިސާ ހިނގި ގޮތުގެ ތަފްސީލު ދެމުން، މަންޒަރު ދުށް މީހުން ބުނީ ހަމަލާދިން ފަރާތުން އެ ބިދޭސީގެ ވޮލެޓް ފޭރެން އުޅުމުން، އެކަމަށް ހުރަސްއެޅުމާ ގުޅިގެން ތޫނު އެއްޗަކުން އޭނާގެ އަތަށް ހަމަލާދީފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާ ވަނީ ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ އަތަށް ފުންކޮށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަން ހާދިސާ ހިނގި ސަރަހައްދުގައި ތިބި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ހަމަލާދިން ފަރާތުން ވޮލެޓް ފޭރިގަތުމަށްފަހު، އެ ސަރަހައްދުގައި ހުރި ގެއަކަށް ވަދެ ފިލާފައިވާކަމަށް މަންޒަރު ދުށް މީހުން ރަސް އަށް މަޢުލޫމާތު ދީފައިވެއެވެ. ހާދިސާ ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުރި މަންޒަރު ރަސްއޮންލައިންގެ ނޫސްވެރިއަކަށް ވަނީ ފެނިފައެވެ.

މި ވަގުތު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މި ހާދިސާއާ ގުޅިގެން މާލޭގެ ރައްޔިތުންގެ މީސްމީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން