މި އަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ އެއްވަނަ ދުވަހެވެ. މި އަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމީ މިއަދު މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ބޭއްވި ބައްދަލުވުމެއްގަ އެވެ. އަދި މިކަމަށް ޕްރިންސިޕަލުންގެ މަޝްވަރާވެސް ހޯއްދަވާފައިއެވެ.

މިނިސްޓްރީން ބުނީ މާލޭ ސަރަޙައްދުގައި ހުރިހާ ސްކޫލުތަކުގެ ބައިވެރިވުމާ އެކު ސްކޫލުތަކުން ގުޅިގެން ކުލަގަދަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގެ ހުރިހާ ރަށްތަކުގެ ޕްރިންސިޕަލުންނާއެކު ބޭއްވި އޮންލައިން ބައްދަލުވުމުގައި، އެ ރަށްރަށުގައި ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާ ގުޅޭގޮތުންވެސް ވަޒީރު ވަނީ ޚިޔާލު ހޯއްދަވާފަ އެވެ.

މިނިސްޓަރު ވަނީ މި ދުވަހާ ގުޅުވައިގެން ސްކޫލް ފެންވަރުގައި ޚާއްޞަ އެސެމްބްލީތަކާއި އިތުރު ޙަރަކާތްތައް ބޭއްވިކަމުގައި ވިޔަސް، ކިޔަވައި ދިނުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް އެކަންކަން އިންތިޒާމު ކުރެއްވުމަށް ޕްރިންސިޕަލުންނަށް އިލްތިމާސްކުރައްވާފަ އެވެ.

މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަ ކުރަން ނިންމި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް މެދުވެރިކޮށް ކުޑަކުދިންނަށް އެ ކުދިންގެ ހައްޤުތައް ކިޔައިދީ, އެ ކުދީންނާ މެދު މައިންބަފައިންނާއި މުޖުތަމަޢު އަދި ޤައުމު ދެކޭ ހުވަފެންތައް ކިޔާދިނުމުގެ މުހިންމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވަނީ ބެލެނިވެރިންނާއި މުދައްރިސުންނަށް ބުރަނުވާނެހެން, ވީހާ ވެސް ޚަރަދުކުޑަކޮށް އެ ދުވަހުގެ ހަރަކާތްތައް ރޭއްވެވުމަށް ވެސް ސްކޫލުތަކަށް އިރުޝާދު ދެއްވައިފަ އެވެ.

މިކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިނިސްޓްރީން ކަމާގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާތައް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން