ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ފުޅާކުރުމުން ޓޫރިޒަމަށްވުރެ ތިންގުނަ އިތުރަށް ޤައުމުގެ ޖީ.ޑީ.ޕީ. އަށް ކޮންޓްރިބިއުޓް ކުރެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ޕޮޑްކާސްޓް ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް އަދި ކެމްޕޭން ތެރޭގައިވެސް ވާހަކަފުޅުދެއްކެވި ގޮތް ކަމަށެވެ. އެގޮތުން މަސްވެރިކަމުން ފުރިހަމަ ނަފާ ނެގިއްޖެނަމަ، ޓޫރިޒަމަށްވުރެ ތިންގުނަ އިތުރަށް ޖީ.ޑީ.ޕީ. އަށް ކޮންޓްރިބިއުޓް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ވަރަށް ބޮޑު ކަމަށާއި، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް) ގެ ތެރެއިން އަދި އިޤްތިޞާދީ ނަފާ ނުހޯދޭ ކަމަށެވެ. އަދި ރާއްޖޭގައި ކުރަނީ ވަރަށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކަމަށާއި، ކޮންމެ މަހެއް ވަކިން ބާނާ ކަމަށް ރައީސް ވިދާޅުވިއެވެ. ބޭރު ޤައުމުތަކުގައި ހަދާހެން ދާއަޅައިގެން ކަހައެއް ނުލާ ކަމަށާއި، މުޅި ދުނިޔެ ރާއްޖޭގެ މަސްވެރިކަން ޤަބޫލުކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މަސްވެރިކަން މުޅި ކަނޑުގެ ސަރަޙައްދަށްވެސް ފުޅާކުރެވެން އޮތް ކަމަށާއި، މަސްވެރިކަމާއި ކަނޑުގެ އެހެނިހެން މުއްސަނދިކަން ބޭނުންހިފޭނެ ގޮތްތައް ހުރި ކަމަށެވެ. އަދި މެރިކަލްޗަރ ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބޭރު ފަރާތްތަކަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މި ބޮޑު ކަނޑުގެ ރިސޯސަސްތައް، އޯޝަން ރިސޯސްތައް، ކަނޑުގެ މިހިރަ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި އަޅުގަނޑުމެންނަށް އިޤްތިޞާދީ ގޮތުން ފައިދާވާ ގޮތަށް ހެދުމުގެ ސިޔާސަތު މި ގެންގުޅެނީ. އިރާދަކުރެއްވިއްޔާ ރަނގަޅަށް ގެންދެވޭނެ ކަމަށް މިބަލަނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިޕްރޮގުރާމްގައި ރައީސް ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ވަރަށް ތަފްސީލްކޮށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން  މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށްޓަކައި މި ސަރުކާރުން ފައްޓަވާފައިވާ ގިނަ މަސައްކަތްތަކެއް މިއަހަރާއި އަންނަ އަހަރު ތެރޭ ނިމި، ޢަމަލީ ގޮތުން އޭގެ ފައިދާ ކުރަންފަށާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން