ގަން އެއާޕޯޓުގެ ތަރައްޤީގައި ހިމެނޭ މަގު ހެދުމުގެ މަޝްރޫއަށް ހުރަސްއެޅުނު އިކުއޭޓާ ވިލެޖްގެ ލޭބާ ކުއާޓާ ސަރަހައްދުގެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބުދު ﷲ މުއްތަލިބު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އީކުއޭޓާ ވިލެޖްގެ ލޭބާ ކުއާޓާ ސަރަހައްދުގެ މައްސަލައާ މެދު ކަމާބެހޭ ހުރިހާ ފަރާތްތަކާއި މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން މިނިސްޓްރީ އަށް މިއަދު އަންގާފައިވާ ކަމަށެވެ.

"އެހެންކަމުން، މި މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ވާހަކަ ދަންނަވަމެވެ." މިނިސްޓަރު ވިދާޅުވި އެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ހުސްނުކުރެވި، އެ ބިން ކޮންޓްރެކްޓަރާއި ޙަވާލުނުކުރެވުމުގެ ސަބަބުން މަޝްރޫޢުގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ކޮންސްޓަރަކްޝަން މިނިސްޓަރު މުއްތަލިބު މީގެ ކުރިން ވިދާޅުވީ މި މައްސަލައިގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެ ކަމަށް ފެންނާތީ، އެ ޢިމާރާތް ހިމެނޭ ސަރަޙައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން