ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުތައް ފެނި ވާދަވެރިން ހަމައިން ނައްޓައިގެން ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ޕާޓީން ރޭ ބޭއްވި ސިޔާސީ އެއްވުމެއްގައި ރައީސް މުއިއްޒަށް އަމާޒުކޮށް ވަރަށް ރަހުމު ކުޑަ އިހާނެތި ގޮތަކަށް ވާހަކަ ދައްކާފައިވަނިކޮށެވެ. އެޖަލްސާގައި ރައީސް މުޢިއްޒު ހިތްޕުޅުގެ އާލާސްކަންފުޅެއްގައި އަވަހާރަވުމަށް ގިނަ ބަޔަކު އެދޭ ކަމަށް ބުނެ ވަނީ ވާހަކަ ދައްކާފައެވެ. ރޭގެ ޖަލްސާގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވަނީ ރައީސް ޑރ މުއިއްޒަށް ނިސްބަތްކޮށް އެމަނިކުފާނަކީ މަކަރުވެރި ބޭފުޅެއް ކަމަށް ސިފަކޮށް އެމަނިކުފާނަށް މާތް ﷲ ސުވަރުގެ ހަރާމް ކުރަށްވާފައިވާ ކަމަށް ވިދާޅުވެ ކުފުރުގެ ވާހަކަތަކެއް ވެސް ދައްކާފައެވެ.

އެ ވާހަކަތަކަށް އިޝާރަތް ކުރަށްވައި އިކޮންމިކް މިނިސްްޓަރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައިވެސް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ރުންކުރުވެ، އެތަނުގައިތިބި ރައްޔިތުންނަކީ ނާގާބިލް އަދި ޖާހިލު ބައެއް ކަމަށް ވިދާޅުވެ ނަފްސު ކޮންޓްރޯލުނުވެ ސްޓޭޖު ދޫކޮށް ވަޑައިގެންނެވި ކަން ފާހަގަކުރަށްވާފައެވެ. އަދި އޭގެ 17 އަހަރު ފަހުންވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށާއި މައިކު އަތުޖެހުމުން ހަމަބުއްދި ފިލައި، އަނބިދަރީންނާ ޢާއިލާތަކުގެ ކަރާމާތަށް އަރައިގަންނަމުންދާ ކަމަށް ސަޢީދު ތުހުމަތުކުރެެއްވިއެވެ.

އޭނާ ވިދާޅުވީ ޑރ. ޖަމީލްގެ ބަސްމަގު ހުތުރުވެ އަދި ފާފަފުއްސެވުމާ ސުވަރުގެއާއި ނަރަކައަށް ވެއްދެވުން ފަދަ ހަމައެކަނި މާތް ﷲއަށް ލިބިވޮޑިގެންވާ ސިފަފުޅުތަކާމެދު، ތިމާ އަމިއްލައަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށްދާ ކަމަށެވެ. އަދި އެފަދަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރެއްވުމަށް ސަޢީދު ވަނީީ ދުޢާ ކުރައްވާފައެވެ.

ސަޢީދު އިތުރަށް ވިދާޅުވީ އެފަދަ މީސްމީހުންނާ އަޅާ ބަލާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަފާތަކީ ހަރުދަނާކަން ކަމަށާއި އެމަނިކުފާނަކީ މަޑުމައިތިރި، ރިވެތި އަޚްލާޤުގެ ވެރި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އަނެކުންގެ ކަރާމާތް ހިފަހައްޓަވައި، ހީވާގިކަމާއެކު ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމަށް ރެޔާދުވާލު ހިންމަތާއެކު ބުރަ މަސައްކަތް ކުރައްވާ ބޭފުޅެއް ކަން ސައީދު ފާހަގަކުރެެއްވިއެވެ.

ސަޢީދު ވިދާޅުވީ އެކަންކަން ކާމިޔާބުވަމުން ދާތީ ރައީސް ޑރ. މުޢިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން އެކަމާ ނުރުހުންވެ ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން ސަޢީދު ވިދާޅުވީ ސިޔާސީޕާޓީ ހިންގުމުގެ ނަމުގައި ޕީއެންއެފުން ގައުމަށާ އާއިލާތަކަށްވެސް ފުރައްސާރަ ކުރަމުންދާ ކަމަށާއި އެފަދަ ކަންކަމަކީ ކިޔަވައިގެން ތިބި ގިނަ ޒުވާނުންނާއި ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ޕީއެންއެފްގެ ޖަލްސާގައި ރައީސް މުޢިއްޒަށް އަމާޒުކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އެޕާޓީއަށް އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން