ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ބާކީ ތިބި ހުރިހާ ރަހީނުން ދޫކޮށްލުމަށް ތައްޔާރަށް އޮތް ކަމަށް ހަމާސްއިން ބުނެފި އެވެ.

ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުންދާ ހަމާސް ޖަމާއަތުން ބުނީ ޣައްޒާގެ ހަނގުރާމަ ނިންމާލައި ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ހުރިހާ ރަހީނުންނާ އިސްރާއީލުގެ ޖަލުގައި ތިބި ފަލަސްތީނުގެ މީހުންނާ ބަދަލުކުރުމަށް ފުރިހަމަ އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށެވެ.

ޓީވީއަށް ދެއްވި ތަގުރީރެއްގައި އެ ޖަމާއަތުގެ ފަރާތުން ސުލްހައިގެ މަޝްވަރާތައް ކުރުމުގައި ހަރަކާތްތެރިވާ ޓީމު ލީޑްކުރާ ޣައްޒާގެ ވެރިޔާ ޚަލީލް އަލް ހައްޔާ ވިދާޅުވީ ވަގުތީ އެއްބަސްވުންތަކަށް އެ ޖަމާއަތުން ދެން އެއްބަސް ނުވާނެ ކަމަށެވެ. ސަބަބަކީ އެފަދަ އެއްބަސްވުންތައް ވެފައި އޭގެ ފަހުން ދެން ފެންނަނީ އިސްރާއީލުން އެ އެއްބަސްވުމާ ހިލާފުވާތަން ކަމަށް ވާތީއެވެ.

"ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުން ބައެއް އެއްބަސްވުންތައް ބޭނުންކުރަނީ އެމީހުންގެ ސިޔާސީ އެޖެންޑާގެ ނިވާފަތްގަނޑެއްގެ ގޮތުގައި،" އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިޝާރާތް ކުރައްވައި ހައްޔާ ވިދާޅުވި އެވެ.

"މި ސިޔާސަތު ފާސްކުރުމުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ނުތިބޭނަން." ހައްޔާ އިތުރަށް ވިދާޅުވިއެވެ.

މި ހަނގުރާމަ ހުއްޓާލުމަށް ޖެނުއަރީ މަހު މިސްރުން މެދުވެރިއެއްގެ ރޯލު ކުޅެގެންވެސް މިކަމަށް ކުރިއެރުމެއް ފެނިފައެއް ނުވެ އެވެ. އަދި މި މަސައްކަތުގެ ތެރެއިން ހަނގުރާމަ ހުއްޓާލުމާއި އިސްރާއީލުގެ ރަހީނުން މިނިވަން ކުރުމަށް ފާއިތުވި ހަފްތާގެ ހޯމަ ދުވަހުވެސް މަޝްވަރާކުރެވުނެވެ. މިސްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި މި މަޝްވަރާވެސް ނިމުނީ އެއްވެސް ކުރިއެރުމެއް ނުލިބި ކަމަށް ފަލަސްތީނާއި މިސްރުގެ މަސްދަރުތަކުން ބުނެއެވެ.

ޖެނުއަރީ 19 ވަނަ ދުވަހު ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްއިން 38 ރަހީނުން ދޫކުރިއެވެ. އަދި މާރިޗް މަހު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާއަށް އެއްގަމު މަގުންނާއި ވައިގެ މަގުން ހަމަލާތައް އަލުން ފަށާފައެވެ.

އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި ހަމާސްގެ އަތްދަށުގައި ބާކީ ތިބި އެގައުމުގެ 59 ރަހީނުން މިނިވަންވެ، ޣައްޒާގައި ތިބި ހުރިހާ ހަނގުރާމަވެރިން ނައްތާލެވެންދެން ހަމަލާ ކުރިއަށް ގެންދާނެ އެވެ. ހަމާސްއިން ބުނަނީ ރަހީނުން މިނިވަންކުރާނީ ހަމައެކަނި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެފައިވާ އެއްބަސްވުމުގެ ތެރެއިން ކަމަށެވެ. އަދި ހަތިޔާރު ބެހެއްޓުމަށް ކުރާ ޑިމާންޑްތަކަށް ހަމާސް އިން ވަނީ ދެކޮޅު ހަދާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން