ރައީސް ޑރ. މުޢިއްޒު (ކ) އާއި ރައީސް ނަޝީދު (ވ)
ރައީސް ޑރ. މުޢިއްޒު (ކ) އާއި ރައީސް ނަޝީދު (ވ)
ރިޔާސީ އިންތިޚާބު އެއްބުރުން ނިންމުމަށް ރައީސް ނަޝީދު ތާޢީދު ކުރަށްވައިފިއެވެ.

ރިޔާސީ އިންތިޚާބު އެއްބުރުން ނިންމުމުގެ ބަހުސް އަލުން ފެށިފައި މިވަނީ ރައީސް ޑރ. މުޢިއްޒު އެ ވިސްނުން ގެންގުޅުއްވާކަން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ޙިއްސާ ކުރަށްވާފައިވާ ކަމަށް ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން ޢާއްމުން ދަނީ މީސްމީޑިއާގައި ތަފާތު ވިސްނުންތައް ޙިއްސާ ކުރަމުންނެވެ.

ރައީސް މުޢިއްޒުގެ އެވިސްނުންފުޅަށް ތާޢީދު ކުރަށްވާކަން ހާމަ ކުރަށްވަމުން ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވީ “ޕްރިފަރެންޝަލް ވޯޓާއި އެކުގައިނަމަ އެއްބުރުން ވޯޓުލައި ނިންމާ ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް” ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރަށްވާ ކަމަށެވެ.



ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ނިންމުމާމެދު ޢާއްމުންގެ ފެންނަ ނުފެން ވޯޓެއް ނެގުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަން ހާމަކުރަށްވާފައެވެ.

އޭގެއިތުރުން ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ވިދާޅުވީ މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރަށްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރައްޔިތުން އެ ގޮތަށް ނިންމައިފި ނަމަ ގާނޫނު އަސާސީ އިސްލާހުކޮށް 2028 ގައި މި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ގާނޫނު އަސާސީގައި މިހާރު އޮންނަގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު މެޖޯރިޓީ އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުވާ ހާލަތުގައި، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހެއެވެެ. އަދި ރައީސް ކަމަށް ބޭފުޅަކު އިންތިހާބުވެ ވަޑައިގަންނަވަނީ ވޯޓު ދިން މީހުންގެ 50 އިންސައްތައަށްވުރެ އިތުރަށް 1 ވޯޓު ހޯއްދަވައިގެންނެވެެ.

އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި ރައީސް ކަމަށް ބޭފުޅަކު އިންތިހާބުވެފައިވަނީ އިންތިޚާބުގެ ދެވަަނަ ބުރުގައެވެެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން