ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވާ މީހަކު އިންތިހާބުވާން ވާނީ ވޯޓު ދޭ މީހުންގެ އަޣުލަބިއްޔަތުން ކަމަށާއި އެއާއި ހިލާފަށް ގާނޫނުއަސާސީއަށް އިސްލާހް ގެނައުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއްކަމަށް ކުރީގެ ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުގޮސް، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަށް ޕީއެންސީގެ މަޖިލީސް މެންބަރުންގެ ތާއިދަށް އެދިވަޑައިގެންފައެވެ.

އަދި އެކަމުގައި އާންމު ރައްޔިތުންގެ ވޯޓަކަށް ދިޔުމަށް ތާއީދު ކުރައްވާކަމަށް ވެސް ރައީސްވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އެއާއި ގުޅިގެން ފައިޞަލް ފޭސްބޫކްގައި ވިދާޅުވީ، ގާނޫނުއަސާސީއަކީ އެވަގުތަކު ވެރިކަމުގައި ހުންނަ މީހަކު ބޭނުންވީމާ ބޭނުންވާ ގޮތަށް ބަދަލު ގެނެވޭނެ އެއްޗަކަށް ވެގެން ނުވާނެކަމަށެވެ.

އަދި ހާއްސަކޮށް އިތުރު ދައުރެއް ހޯދުމަށް ގާނޫނުއަސާސީ ބަދަލު ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ފައިޞަލް ވަނީ ވިދާޅުވެފައެވެ.

"ގާނޫނުއަސާސީއަކީ ހުރިހާ ރައްޔިތުންގެ ޝާމިލްވުމާއި ހައްގު ކަށަވަރުކޮށްދޭ އެއްޗެއް. އެއީ ރަމްޒީ އެއްޗެއް ނޫން." ފައިޞަލް ވިދާޅުވެފައިވެއެވެ.

ފައިސަލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް މީހަކު އިންތިހާބުވާން ޖެހޭނީ، ވޯޓުދޭ މީހުންގެ އަޣުލަބިއްޔަތުން ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެންނަން އުޅޭކަމަށް މިހާރު މިއަޑު އިވޭ ބަދަލަކީ، ގާނޫނުއަސާސީގެ މުޅި ރޫޙާއި، ދިމިޤުރާތީ އުސޫލުތަކާއި މުޅިން ހިލާފު ބަދަލެއް ކަމަށް ފައިސަލް ވިދާވިއެވެ.

އަދި އެފަދަ ބަދަލެއް ވެގެންދާނީ ރައްޔިތުންނަށް ފައިދާހުރި ބަދަލަކަށް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން