ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއް ބުރުން ވޯޓުލައިގެން ރައީސަކު ހޮވަން ވަކާލާތު ކުރައްވަނީ ޕްރިފެރަންޝަލް ވޯޓިން ނިޒާމެއްގެ ދަށުން އެކަން ކުރައްވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މީސްމީޑިއާގެ ޕްލެޓްފޯމް "ވަޓްސްއެޕް" ގެ ރަސްމީ ޗެނަލެއް އުފައްދަވައި މިރޭ ލިޔުއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވަކާލާތު ކުރައްވަމުން ގެންދަވާ ވޯޓިން ސިސްޓަމްގެ ބާވަތަކީ ޕްރިފެރެންޝަލް ވޯޓިން ސިސްޓަމް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމަށް ތާއީދުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވިއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން އަށް ދިޔުމަށް ތާއިދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހާމަކުރަށްވާފައެވެ. އެކްސްގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓާ އެކު އެއް ބުރުން ވޯޓުލާ ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ދެވަނަ ބުރު އުވާލުމާއި ޕްރިފެރެންޝަލް ވޯޓިން އަށް ދިޔުމާއި އިދިކޮޅު އެމްޑީޕީން ދެކޮޅެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓަކަށް ދިއުމަކީ ވޯޓުލާ އާބާދީގެ ގިނަ ބައެއްގެ ހައްގުތަކަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ. އެގޮތުން އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ ކަމަށާއި، ހާއްސަކޮށް ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވޯޓު ގުނައި، ނަތީޖާ އިއުލާނު ކުރާއިރު އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާ އެކު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރައީސް މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުން ކަމަށެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މާނައަކީ އެއްބުރުން ރިޔާސީ އިންތިހާބު ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން." ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން