ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަޙްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަޙްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހަށް އާ ބިލްތަކެއް މިއަދު ލިބިފައިވުމާއެކު މަޖިލީހުގެ މާދަމާގެ ޖަލްސާ އޮންނާނެ ކަމަށް މަޖިލީހުގެ ނާއިބުރައީސް އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގެ އިއްޔެ އާއި މިއަދުގެ ޖަލްސާ ކެންސަލް ކޮށްފައިވާތީ އިދިކޮޅު އެމްޑީޕީން މިއަދު ވަނީ މަޖިލީހަށް ޤަރާރެއް ހުށައަޅާފައެވެ. އަދި އެއީ މަޖިލީހުގެ ޤަވާއިދާ ޚިލާފުކަމެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެކަމާގުޅިގެން ރާއްޖޭގެ އޮންލައިން މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް މިއަދު ވިދާޅުވެފައިވަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށް ނުދަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް މެންބަރުން ބަރާބަރަށް ހަލުވި ދުވެލީގައި ކުރަށްވަމުން ގެންދަވާ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ނާޒިމް ވަނީ، މަޖިލީހަށް އާ ބިލްތަކެއް މިއަދު ލިބިފައިވާތީ، މާދަމާގެ ޖަލްސާ އޮންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާ އޮންނާނެކަން މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް ހާމަކުރަށްވާފައިވާއިރު މަޖިލީހުގެ ޖަލްސާތައް ނުބާއްވާތީ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށައެޅި ޤަރާރުގައި ބުނެފައިވަނީ، އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި އަދި މަޖިލީހުން އެހެން ގޮތަކަށް ކަނޑައަޅާފައިވާ ނުވަނީސް، މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަކީ މަޖިލީހުގެ ގަވައިދާ ހިލާފުވުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ ހަފުތާއަކު މަދުވެގެން ތިން ޖަލްސާ ބާއްވަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން