މަސްތުވާތަކެތީގެ މައްސަލައިގައި ހަައްޔަރުކުރި ތިން މީހުން، ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައިގައި ހަައްޔަރުކުރި ތިން މީހުން، ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިން މީހުން ހައްޔަރު ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަަވިސް އިން ހާމަކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ޅ. ހިންނަވަރު / އާވާޒް، އަހުމަދު ގާސިމް (42އ) އާއި ގދ. ގައްދޫ / ރަޖީނާގެ، އިބްރާހީމް ނިޔާޒު (36އ) އަދި ހއ. މާރަންދޫ / ސަނީބީމް، އަމްރު ޖަލީލް (20އ) އެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މި މީހުންގެ ތެރެއިން އަހުމަދު ގާސިމް ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ހުޅުމާލޭ ފޭސް 1 ހިރުނދުމަގުން އޭނާ ފެނުނުއިރު އޭނާގެ އަމަލުތައް ހުރިގޮތުން، އޭނާ ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު ކަމަށެވެ. އެގޮތުން އޭނާ ބަލާ ފާސްކުރުމަށްފަހު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި އަމްރު ޖަލީލް ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ރުއްގަނޑު 2 ސަރަހައްދުން އޭނާ ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު ފުލުހުން ފެނުމުން އޭނާ ފިލަން މަސައްކަތްކުރުމާ ގުޅިގެން ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން 119 ނަންބަރު ފްލެޓް ކައިރިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ އިބްރާހީމް ނިޔާޒު ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ހުޅުމާލޭ ފޭސް 2 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރި ގޮތުން ބަލާ ފާސްކުރުމަށްފަހު ކަމަށެވެ. އެގޮތުން ހިޔާ 16 ވަނަ ޓަވަރު ކައިރިން އޭނާ ބަލާ ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލަތައް މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން