ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާ ވެއްޓުމުގައި އެހެން މީހެއްގެ އަތެއް ނެތް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ހެނދުނުގެ ވަގުތެެއްގައި ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖެއް ވަނީ ފެނިފައެވެ. އެއީ، 21 އަހަރުގެ ހައްވާ ޔުމްނާއެވެ.

އެ މައްސަލައިގެ ތަފުސީލު ފުލުހުން ހާމަކުރުމުގެ ކުރިން ބައެއް އާންމުން ވަނީ އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް ކޮށް އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި އެ ކުއްޖާއަށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

އެ ކަމާ ގުޅިގެން ފުލުހުން މިރޭ ވަނީ ނޫސްވެރިންނާ ބައްދަލުކޮށް، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެވެ. އެގޮތުން ހާދިސާ ހިނގިއިރު އެ މީހުން ތިބި ގެއާއި އެ އަންހެން ކުއްޖާ ވެއްޓޭ ވަގުތުގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކާފައެވެ.

މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ހާދިސާ ހިނގި ދުވަހުގެރޭ ޔުމްނާއާ އެކު އިތުރު ހަތް މީހަކު އުޅުނު ކަމަށެވެ. އަދި އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އަންހެން ކުއްޖާ ވެއްޓިފައިވަނީ މީހެެއްގެ ބައިވެރިވުމަކުން ނޫންކަން މިހާތަނަށް ބެލި ސީސީޓީވީ ފުޓޭޖްތަކުން ދެނެގަނެވިފައިވާކަމަށެވެ. ފުލުހުން ބުނީ އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށެވެ. އަންހެން ކުއްޖާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ތަހުގީގަށް މިހާރު ޔަގީން ކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ 21 އަހަރުގެ ޒުވާނާ ވެއްޓުނީ އޭނާ އާއި އެކު ހުރި ފިރިހެން މީހާ އެޕާޓްމަންޓުން ނުކުމެ، އެ ގޭގެ ތިރިއަށް ފޭބުމަށް ސިޑިމަތީގައި ހުއްޓާކަން ތަހުގީގަށް ޔަގީންކުރެވިފައިވާކަމަށެވެ.

މިހާދިސާގަައި ފުރާޅު މައްޗަށް ވެއްޓުނު އަންހެން ކުއްޖާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަސްއެވެެ. ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު ވެންޓިލޭޓަރުން މިހާރު އެ އަންހެންކުއްޖާ ނަގާފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން