ހޮސްޕިޓަލްތަކުގެ މަސައްކަތް ޙަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު
ހޮސްޕިޓަލްތަކުގެ މަސައްކަތް ޙަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު
ރާއްޖޭގެ ތިން ރަށެއްގެ ތިން ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން މިއަދު އާރުޑީސީ އާއި އެމްޓީސީސީއަށް ހަވާލުކޮށްފިއެވެ.

ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ޅ. ނައިފަރު ހޮސްޕިޓަލާއި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

ސިއްޙަތާބެހޭ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ތިނަދޫ އާއި އުނގޫފާރު ހޮސްޕިޓަލްގެ މަސައްކަތް 17 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ އެމްޓީސީސީ އަށެވެ. އަދި ނައިފަރު ހޮސްޕިޓަލްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ އާރްޑީސީ އަށެވެ.

އެގޮތުން ނައިފަރު ހޮސްޕިޓަލްގެ ލޭބަރޫމް ކޮމްޕްލެކްސް އާއި އައިސީޔޫ ތަރައްގީކުރުމުގެ މަސައްކަތަށް 7.7 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވެއެވެ. އޭގެއިތުރުން އުނގޫފާރު ހޮސްޕިޓަލްގެ މަސައްކަތަށް ޖުމްލަ 161 މިލިއަން ރުފިޔާ ހަރަދު ކުރާއިރު ތިނަދޫ ހޮސްޕިޓަލަށް 147 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވެއެވެ.



މިރަސްމިއްޔާތުގައި ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިއަދު ހަވާލުކުރެވުނު ހޮސްޕިޓަލްތަކުގެ މަސައްކަތް ނިމުމުން އެ ތަންތަނުގައި ޓާޝަރީ ފެންވަރަށް ހިދުމަތްތައް ދެވޭނެ ކަމަށެވެ.

އޭގެ އިތުރުން ވަޒީރު ވިދާޅުވީ ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ މި އަހަރުގެ ތެރޭގައި 24 ރަށެއްގައި އާ ހޮސްޕިޓަލު އަޅަން ހަވާލުކުރާނެ ކަމަށެވެ. އޭގެ އިތުރުން ފަސް ސިއްހީ މަރުކަޒާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއެއް މި އަހަރު ކުރިއަށްގެންދާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން