މިނިސްޓަރު މުޙައްމަދު އަމީން
މިނިސްޓަރު މުޙައްމަދު އަމީން
މާލޭގެ އިމާރާތެއްގެ މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ ރައްދު ދެއްވައިިފިއެވެ.

ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު މަސްތުގެ ހާލަތުގައި ވެއްޓިފައި އޮއްވާ ފެނުނު މައްސަލާގައި މިނިސްޓަރު އަމީންގެ އާއިލީ ދެ ފިރިހެނަކު ޝާމިލުވާކަމަށް ބުނެ އެ މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވަމުން ގެންދަވާކަމަށް ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. ހާއްސަކޮށް މިރޭ ޒުވާނުން ކުރިއަށް ގެންދާ އެއްވުމުގައި އަމީނަށް އެ ތުހުމަތުތައްކޮށް އޭނާގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާފައެވެ.

އެ ތުހުމަތުތަކާއި ގުޅިގެން އަމީން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ހާދިސާގައި އަނިޔާވި އަންހެން މީހާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އެއަށްފަހު އެކަމުގައި ޖުމުލަ 6 ކަމެއް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ވިދާޅުވީ، އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓް ހިމެނޭ އިމާރާތުގައި ހުކުރު ދުވަހުގެ ހެނދުނު ޒުވާނުންތަކެއް އެއްވެ އުޅުނުކަން އެވަގުތު އެނގިވަޑައިގެންފައި ނުވާކަމަށާއި އެކަމުގައި އޭނާގެ އާއިލާ ބަޔަކު ހިމެނުނު ނަމަވެސް އެކަމަކީ އޭނާއަށް އެނގިގެން ހިނގި ކަމެއް ނޫންކަމަށެވެ. އަދި އެކަން ހިނގީ އަމީން އުޅުއްވާ އެޕާޓްމަންޓްގައި ނޫންކަމަށާއި އެޕާޓުމަންޓުން ބޭރުގައި ހިނގާ ކަންކަމަށް އޭނާގެ ކޮންޓްރޯލެއް ނޯންނާނެކަމަށެވެ.

އެ އިމާރާތަކީ އަމީންގެ ގެ ކަމަށް ބައެއް ފަރާތްތަކުން ބުނާތީ އޭނާ ވަނީ އެކަމަށް ވެސް ރައްދު ދެއްވާފައެވެ. އަމީން ވިދާޅުވީ އެއީ އޭނާ އެކަނި ގެއެއް ނޫންކަމަށާއި އެއީ 3 ބެއިންގެ މައްޗަށް އޮތް ގެއެއްކަމަށެވެ.

ދެން ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން އޭނާގެ އެއްބަނޑުއެއްބަފާ މީހުންގެ ދެ ކުއްޖަކާ ފުލުހުން ސުވާލުކޮށް ހަދާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަން އެނގިވަޑައިގެންނެވީ ހުކުރު ދުވަހުގެ ހަވީރުކަމަށް ވެސް އަމީން ވިދާޅުވިއެވެ.

މި ހާދިސާގައި ހިމެނޭ އަންހެން މީހާ ވެއްޓިފައި ވަނީ އެ މީހުންނާ ގުޅުމެއްވެސް ނެތް ގެއަކަށް މަސްތުގެ ހާލަތުގައި ވަދެ އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އޭގެ ކުރިން މިނިސްޓަރު އަމީން ވެސް ދިރިއުޅުއްވާ ގޭގެ އެޕާޓްމަންޓެއްގައި އެ މީހުން އެއްވެ އުޅުނުކަމަށް ފުލުހުން ބުނެފައިވެއެވެ.

އަމީން ވިދާޅުވީ މި ހާދިސާގެ ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އޭނާގެ އެއްވެސް ޝާމިލުވުމެއް އަދި ހައިސިއްޔަތެއް ވެސް ސަރުކާރު ތެރޭގައި ނޯންނާނެކަމަށެވެ. އަދި އެކަމަށް ނުފޫޒު ފޯރުވުމަށް މިއަދާއި ހަމައަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށާއި އެ މައްސަލައިގައި އެންމެ ފޯން ކޯލެއްވެސް ކުރައްވާފައި ނުވާނޭކަމަށެެެވެ.

އަދި މީސްމީޑިއާގައި މިނިސްޓަރު އަމީނާ ދޭތެރޭ ކުރަމުންދާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން