މިދިޔަ ހުކުރު ދުވަހު ހެނދުނު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާން އަންހެންކުއްޖާގެ މައްސަލައާއި ގުޅިގެން ޒުވާނުން ކުރިޔަށް ގެންދާ މުޒާހަރާގައި ޒުވާނުން އުފުލަމުންދާ އަޑުތައް ސަރުކާރުން އަހަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ގޮވާލައްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ހެނދުނު އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓިފައި އޮއްވައި ފެނުނު ހާދިސާގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާއި މެދު ހިތްހަމަނުޖެހި ގިނަ އަދަދެއްގެ ޒުވާނުން ހެންވޭރު ޕޮލިސް ހުންނަ އިމާރާތް ދޮށައް އެއްވެ ރޭ ވަނީ މުޒާހަރާކޮށްފައެވެ.

އެކަމާއި ގުޅިގެން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވީ މުޒާހަރާ ކުރަމުންދާ ޒުވާނުންގެ އަޑު ސަރުކާރުން އަހަން ޖެހޭ ކަމަށެވެ. ފުލުހުން މިހާތަނަށް އާންމުކުރި މައުލޫމާތު ތަކުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި ކަމަށް އަޒާން ވިދާޅުވިއެވެ. އަޒާން ވިދާޅުވީ މިބާވަތުގެ އެހެން މައްސަލަތަކުގައި އަމަލުކުރަމުން އަންނަގޮތްތަކާއި ތަފާތު ގޮތަކަށް އަމަލުކުރާނަމަ، އެ ތަފާތު ގެންނަ ސަބަބު ސާފުވާންޖެހޭނެ ކަމަށެވެ. އަދި މިމައްސަލައިގައި އަނިޔާ ލިބުނު ޒުވާނާއަށް އިންސާފު ލިބޭނެކަން ކަށަވަރުކުރަންޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ހެނދުނުގެ ވަގުތެެއްގައި ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވަނީ 21 އަހަރުގެ ހައްވާ ޔުމްނާއެވެ. ފުލުހުން ބުނީ އެ އަންހެން މީހާ ވެއްޓިފައިވަނީ މީހެެއްގެ ބައިވެރިވުމަކުން ނޫންކަން މިހާތަނަށް ބެލި ސީސީޓީވީ ފުޓޭޖްތަކުން ދެނެގަނެވިފައިވާކަމަށެވެ. ފުލުހުން ބުނިގޮތުގައި އޭނާ ވެއްޓިފައިވަނީ ނުވަވަނަ ފަންގިފިލާގައި ހުރި ފެންލައިޓަކުންނެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި ދުވަހުގެރޭ ޔުމްނާއާ އެކު އިތުރު ހަތް މީހަކު އުޅުނު ކަމަށެވެ. އަދި އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އެހެން ނަމަވެސް އެމީހުންގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

މި ފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުންދާ އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ބުނެ މި މައްސަލައިގެ ބައެއް މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ދެކޮޅު ހަދާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން