ދާދިފަހުން މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެންމީހާގެ މައްސަލައިގައި ހިމެނޭ އެންމެންގެ ބަޔާން ނަގައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ހިނގައިދިޔަ ހާދިސާގެ މައްސަލައާއި ގުޅޭ އެންމެން ހޯދައި ބަޔާން ނަގާފައިވާކަމަށެވެ. އަދި މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާގޮތަށްކަމަށާއި، އެކަމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައިއޮއްވާ ފެނުނު އަންހެން މީހާ ވެއްޓިފައިވަނީ މަސްތުގެ ހާލަތުގައި ހުރެ އަމިއްލައަށްކަމަށް ބެލެވޭކަމަށެވެ. ފުލުހުން މިފަދައިން ބުނި ނަމަވެސް ބައެއް ފަރާތްތަކުން ދަނީ މި ހާދިސާ ހިނގި ގޮތާއި ގުޅޭގޮތުން ސުވާލުއުފައްދާފައެވެ. އެހެންވެ ފުލުހުން ވަނީ މި ހާދިސާ ހިނގިގޮތް ތަފްސީލުކޮށްދީފައެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް ތަފުސީލު ކޮށްދެއްވަމުން ސީޕީ ވިދާޅުވީ ހެންވޭރު ފެންޓެނޯއީ ނަމަކަށް ކިޔާ ގެއާއި އިންވެގެންހުރި ގުދަނުގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައިވާކަމަށް އާންމު ފަރާތަކުން އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ހުކުރުދުވަހު 7:30 ހާއިިިރުކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެމްއެންޑީއެފްގެ އެހީއާއެކު އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އަށެއް ޖަހާއިރުކަމަށާއި އެހިސާބުން އެ އަންހެން މީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފެށިކަމަށެވެ.

ސީޕީ ވިދާޅުވީ މި ހާދިސާގައި ވެއްޓިފައި އޮތް އަންހެންމީހާގެ މައުލޫމާތު ފުލުހުންގެ ރެކޯޑުތަކުގައި ނެތް ކަމަށެވެ. އެހެންވެ އޭނާގެ އާއިލާއަކީ ކޮބައިކަން ބެލުމަށް ވަގުތުތަކެއް ނެގިކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި އެ އަންހެންމީހާ ދެނެގަނެވުނުހާ އަވަހަށް އާއިލާ އަށް އެ މައުލޫމާތު ދިންކަމަށްވެސް ސީޕީ ވިިދާޅުވިއެވެ.

އާއިލާއަށް އެންގުމަށްފަހު މި ހާދިސާ ހިނގައިދިޔަ ގޮތް ބެލުމުގެ މަސައްކަތް ފެށި ކަމަށާއި އެގޮތުން ވަށައިގެން ހުރި ކަންކަން ބަލަމުންދިޔަކަމަށް އޭނާ ވިދާޅުވިއެވެ. އެ އަންހެން މީހާ ވެއްޓުނު ތަނާއި ވެއްޓުނު އިމާރާތުގެ އެސެސްމަންޓު ހަދައި، ވެއްޓުނު އިމާރާތުގެ ވެރިފަރާތަށް ގުޅައި ވީޑިއޯ އަދި މައުލޫމާތު ހޯދިކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ތަހުގީގުގެ އެ މަރުހަލާގައި ހުކުރު ދުވަހުގެ ފަތިހު އަންހެން މީހާ ވެއްޓުނު ކަމަށް ބުނާ ގޭގައި އަންހެން މީހާއާއި އިތުރު މީހަކު އުޅުނުކަން އެނގުނު ކަމަށް ސީޕީ ބުންޏެވެ. އަދި އަންހެން މީހާއާއެކު އުޅެފައިވަނީ ރައުދު އަހްމަދު ޒިލަލް ނަމަކަށް ކިޔާ މީހެއް ކަމަށް އެނގުނު ކަމަށްވެސް ފުލުހުން ބުންޏެވެ. އެހިސާބުން އޭނާ ހޯދައި އޭނާގެ ފަރާތުން މިކަމުގެ މައުލޫމާތު ހޯދަން ފެށިކަމަށް ފުލުހުން ބުންޏެވެ.

ސީޕީ ވިދާޅުވީ ސީނަކުން ކުށެއްކޮށް ނިމިފައިވަނިކޮށް ނުވަތަ ނިމިފައިވާ ކަމަކުން މީހަކު ހޯދާނަމަ ކޯޓު އަމުރެއް ހޯދަންޖެހޭކަމަށެވެ. އެހެންވެ އެހިސާބުން ރައުދު އަހްމަދު ޒިލާލް ހޯދައި އޭނާގެ ޕާސްޕޯޓުވެސް ހިފަހައްޓާފައިވާކަމަށެވެ. އަދި އޭނާއާއި ސުވާލުކުރުމުން އިތުރު ހަތް މީހަކު އެރޭ މާލޭގައި އެހެން ދެ ގެއެއްގައި އެއްކޮށް އުޅުނުކަން އެނގުނުކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި އެ އެންމެން ދެނެގަނެ ބަޔާން ނަގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން